ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށެވެ. މި މަރުހަލާގައި ހިމެނޭނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވައިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމުގެ މަސައްކަތް ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ބިދޭސިން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓް ކުރެވޭނެ ނިޒާމު ވެސް ހަރުދަނާ ކުރާނެ ކަމަށާއި މިކަން ކުރާނީ މަސައްކަތަށް ބިދޭސީން ގެންނަ ގައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން ކަން އިހުސާން ފާހަގަ ކުރެއްވިއެވެ. ބިދޭސީން ގެނައުމަށް ފަހު އެމީހުން ލައްވާ މަސައްކަތް ކުރުވަނީ ވެސް ގަވައިދާ އެއްގޮތަށް ތޯ ބަލާނެ ކަމަށާއި، އެންގުމެއް ނެތި ރެއިޑްތައް ހިންގުމާއި މަސައްކަތު ސައިޓްތައް ވެސް މޮނިޓާކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެ ގޮތުން އެ އޮޕަރޭޝަންގައި މިހާތަނަށް 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުއްދަނެތް ވިޔަފާރިތައް ކުރުމާއި ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަނީ 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައި ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ފަށައި މި މައްސަލަ ހައްލުކުރުމަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ އިރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ ދޮޅު އަހަރު ތެރޭ ވަނީ ހޯދާފައެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ދެވަނަ ފިޔަވަހި އަންނަ މަހުގައި ފަށަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ