ތިމާމެންގެ ދަރިފުޅަކީ ޤުރްއާން ހިތުދަސް ޙާފިޡަކަށް ހަދަން ބޭނުންވާނަމަ އެކަމަށް ފަށައިގަންނަން ކުރަންޖެހޭނެ ބައެއް ކަންކަން-

އަހުރެމެންގެ ދަރިފަޅަކީ ޤުރްއާން ހިތުދަސް ޙާފިޡަކަށް ހެދުމަކީ އެކަމަށް ހަމައެކަނި ނިޔަތް ގަތުމަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އަދި ހަމައެކަނި ޙިފުޡް ކްލާހަކަށް ފޮނުވައިގެންވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނިޔަތް ގަނެ ޙިފުޡް ކްލާހަށް ފޮނުވަމުން މައިންބަފައިންވެސް ކުރަންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ.  
މައިމީހާގެ ބަނޑުގައި ދަރިފުޅު އަށަގަތީންސުރެ އެދަރިފުޅަކީ ޙާފިޡަކަށް ހަދަން ބޭނުންވާ މައިން ތިބެއެވެ. އަދި މައިންބަފައިންވެސް ތިބެއެވެ. މިއީ ވަރަށް ފައިދާހުރި ނިންމުމެކެވެ. ދަރިފުޅަކީ ޙާފިޡަކަށް ހަދަން މަސައްކަތްކޮށްފިނަމަ އެކަމަށް އެހީތެރިވެދިންކަމަށްޓަކައިވެސް ﷲ ތަޢާލާ މައިންބަފައިންނަށްވެސް އަދި އެކަމަށް އެހީތެރިވެދޭ އެންމެންނަށްވެސް އެކަމުގެ ދަރުމަ ދެއވަވާނެތީއެވެ.  
އެކަމަކު ބުނަންހެއްޔެވެ؟ ދަރިފުޅަކީ ޙާފިޡަކަށް ހަދަން މަސައްކަތްކުރާ މައިންބަފައިން އެކުދިންގެ ކުރިމަތީގައި ޤުރްއާން ނުކިޔަވާނަމަ އެހެދެނީ ގޯހެކެވެ. މައިންބަފައިން ކިޔަވާތަން ފެނުމަކީ ދަރިންނަށް ލިބޭ އިތުރުވަރަކަށްވެގެންދާނެއެވެ. އަދި މައިންބަފައިން ޤުރްޢާނަށް ޢަމަލުކުރާނަމަ އެކަމުގެ ސަބަބުންވެސް ޙާފިޛަކަށްވުމުގެ ޝައުޤުވެރިކަން ދަރިފުޅުގެ ހިތުގައި އިތުރުވެގެންދާނެއެވެ.  
ދަރިފުޅަކީ ޙާފިޡަކަށް ޖަދަން ބޭނުންވާނަމަ ފުރަތަމަ މައިންބަފައިން ނަމާދުކުރާތަން ދަރިންނަށް ދައްކާށެވެ. ކުދިންލައްވައި ނަމާދުކުރުވާށެވެ. އެހެނީ ބިންގަލަކަށްވާންޖެހޭނީ ނަމާދުކުރުމެވެ. ޤުރްޢާން ކިޔެވުމާއި ހިތުދަސްކުރުން ގެންނަންޖެހޭނީ ނަމާދުގެ ފަހަތުންނެވެ.  
ހަމައެފަދައިން ގޭތެރޭގައި ކީރިތި ޤުރްއާނުގެ ވާހަކަގިނަގިނައިން ދައްކަންވާނެއެވެ. ޤުރްއާން މަތިވެރިކުރަންވާނެއެވެ. ކީރިތި ޤުރްއާން ކިޔަވައި ޢަމަލުކުރާ މީހުންނަށާއި ޙާފިޡުންނަށް ޤިޔާމަތް ދުވަހުހުރި މަތިވެރި ދަރަޖަތަކުގެ ވާހަކަ ކުދިންނަށް އަޑުއިއްވައި ދައްކަންވާނެއެވެ.  
އަދި ބުނަން ހެއްޔެވެ؟ ޤުރްޢާން ކިޔަވައި ނިމިގެން މައިންބަފައިން ތެދުވާއިރު މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެންނަންވާނެއެވެ. އެއިރުން ޤުރްއާން ކިޔަވައިގެން ލިބޭ އެއުފާވެރިކަން ހޯދަން ދަރިންގެ ސަމާލުކަން އިތުރުވާނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ