ފުލެޓުތަކުގެ މަސައްކަތް ކުރިއަށްވުރެ ބާރަށް ކުރިއަށްދޭ، ފެންވަރާ މެދު ހިތްހަމަޖެހޭ: މުއްތަލިބު

ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4،000 ހައުސިން ޔުނިޓު މަޝްރޫއުގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލެޓުތައް އަޅާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އެ ޒިޔާރަތުގައި މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައިވެރިވެވަޑައިގަތެވެ. އެ ސަރަހައްދުގައި މީޑިއާއާ ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ މި ސަރުކާރު ހަވާލުވީއިރު، އެ މަސައްކަތް ކުރިޔަށްދިޔަ ދުވެއްޔަށްވުރެ މިހާރު މަސައްކަތް ކުރިޔަށްދާ ދުވެލި މާ ބާރު ކަމަށެވެ. މި މަޝްރޫއުގެ ދަށުން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މަސައްކަތުގެ ދުވެއްޔާއި ފެންވަރާމެދު ވެސް ސަރުކާރުން ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަޝްރޫއުގެ ތެރޭގައި ފުލެޓުތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓުލުމުގެ މަސައްކަތެއް ނުހިމެނެއެވެ. އެހެން ކަމުން މިހާތަނަށް އެއިން އެއްވެސް ފުލެޓެއްގެ މަސައްކަތް އެއްކޮށް ނިމިފައިނުވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ފްލެޓުތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ: ފުލެޓުތަކުގެ މަސައްކަތް ކުރިއަށްވުރެ ބާރަށް ކުރިއަށްދާ ކަމަށާއި ފެންވަރާ މެދު ހިތްހަމަޖެހޭ ކަމަށް މުއްތަލިބު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ސަރުކާރުގެ އަމާޒަކީ ފްލެޓުތަކުގެ މަސައްކަތް ނިމޭވަރަކުން އެ ތަންތަން ހައްގުވެރީންނަށް ހަވާލު ކުރުމެވެ. އެ މަސައްކަތް ޖުލައި މަހު ފަށައިގެން ސެޕްޓެންބަރަށް ނިންމައިލުމަކީ ސަރުކާރުގެ އަމާޒެކެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ ޖުލަިއމަސް ތެރޭގައި އެގްރިމެންޓު ހެދުމުގެ މަސައްކަތާއި ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް. ދެން މިއީ އެއްފަހަރާ ކުރިޔަށް ގެންވޭނެ ކަމަކަށްވުރެ ބޮޑަށް، މަސައްކަތް ނިމެމުންދާ ވަރަށް ހަވާލުކުރެވޭނީ،" މުއްތަލިބު ވިދާޅުވިއެވެ. "މިހާރު މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާނަމަ، އަޅުގަނޑުމެން އުންމީދު މި ކުރަނީ ސެޕްޓެންބަރުގެ ނިޔަލަށް 4،000 ލިބޭ ފަރާތްތަކަށް އެ ފްލެޓުތައް ހަވާލުކޮށް އެ ތަންތާގައި އެ ބޭފުޅުން ދިރިއުޅެން ފަށާނެ ކަމަށް." https://sun.mv/207515 އޭނާ ވިދާޅުވީ ރައީސް އެފްޑީސީގެ ފުލެޓު ސަރަހައްދަށް ވަޑައިގަތީ، އެ ފްލެޓުތައް ހައްގުވެރިންނަށް ހަވާލު ކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތަކަށް ހިތްވަރު ދެއްވައި އެ ކަންކަމަށް ބާރު އެޅުއްވުމަށް ކަމަށެވެ. އެ ޒިޔާރަތުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް އެ ފުލެޓުތައް ހަވާލުކުރުން ލަސްވެދާނެ ފަދަ އެއްވެސް ކަމެއް އޮތްތޯ ބައްލަވައި، އެ ކަންކަން ހައްލުކޮށްދެއްވުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެ ފުލެޓުތައް ހަދަނީ އިންޑިއަން އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށްފަހު މި ސަރުކާރުން ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ފޯމުތައް ބެލުމަށް ފަހު، އަލުން ލިސްޓެއް ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ