ބަޔަކު މުއްސަނދިވުން ހުއްޓުވާކަށް ބޭނުމެއް ނޫން: ފުލުހުން

ބަޔަކު މުއްސަނދިވާތީ ކަންބޮޑުވެގެން ނޫޅޭ ކަމަށާއި ޕިރަމިޑް ސްކީމެއް ކަމަށް ބުނެފައިވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)ގެ މައްސަލަ ބަލަނީ ފައިސާ ހިފައިގެން ފިލުމުގެ ބިރު އޮތުމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔުއަށް 40،000 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. އެ މީހުން އިންވެސްޓްކުރި އަދަދު މިލިއަނުން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ވެސް ކުޑައެވެ. 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ފުލުހުން ވެސް ބޭނުންވަނީ ރައްޔިތުންނަށް ފައިދާ ހޯދައިދޭން ކަމަށެވެ. "އެއީ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެއް. މި ހިނގާ ހުރިހާ ކުށަކީ ވެސް ފައިސާއާ ހެދި ހިނގާ ކުށްތައް. އެހެންވީމާ މުއްސަނދި އާބާދީއަކަށް ރާއްޖެ ވީމާ ކުށްމަދުވާނެ. ފުލުހުންނަށް ވެސް ފަސޭހަވާނެ. އެކަމަކު، އަޅުގަނޑުމެން އެންމެންގެ ވެސް ކަންބޮޑުވުމަކަށް ވާނެ ބަޔަކު މީހުން މަކަރު ހަދައިގެން އޮޅުވާލައިގެން ބޮޑު ފައިދާތަކެއް ދައްކާފައި އެ ފައިސާ ހިފައިގެން ފިލީމާ،" އޭނާ ވިދާޅުވިއެވެ. https://sun.mv/207505 އޭނާ ވިދާޅުވީ، އެ ފަދަ ސްކީމެއް ހިންގާފައި މީހުން އަތުން ފައިސާ ހޯދުމަށް ފަހު ފިލައިފި ނަމަ ގައުމަށް ދިމާވާނީ ބޮޑު ނިކަމެތިކަމެއް ކަމަށެވެ. "އެ ބިރަށްޓަކައި އަޅުގަނޑުމެން ތަހުގީގު ފެށީ،" އޭނާ ވިދާޅުވެދެއްވިއެވެ. ނަވީދު ވިދާޅުވި ގޮތުގައި މި ސްކީމް ހިންގަނީ ބޭންކިން ނިޒާމު މެދުވެރިކޮށެއް ނޫނެވެ. އެކަން ކުރަނީ ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އައިޑެންޓިފައިކުރެވުނު ވޮލެޓެއްގައެއް ނެތް ހިފަހައްޓާފައި ބޭނުންކުރިޔަނުދޭ ވަރުގެ ފައިސާއެއް،" އޭނާ ވިދާޅުވިއެވެ. "އެ ފައިސާ ހޯދަން މަސައްކަތްކުރާނަން. މިހާރު ވެސް އިންޓަޕޯލްއާ އެކު ކެނޑިނޭޅި އެބަ މަސައްކަތްކުރަން،" އޭނާ ވިދާޅުވީ، އެ ފައިސާގެ ބޮޑެތި އަދަދުތައް ޖަމާވަނީ ވަރަށް ޓްރޭސްކުރަން އުނދަގޫ ވޮލެޓުތަކަކަށް ކަމަށެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ކުޑަ ކަމަށް ވެސް ނަވީދު ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން މިއަދު އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ. އެހެންވެ، ގިނަ ބަޔަކު އަންނަނީ ޖެމްކިޔުއަށް އިންވެސްޓްކުރި މީހުންނަށް ޚާއްސަ ޓެލެގްރާމް ގްރޫޕުގައި ނުރުހުން ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ