އިޒްރޭލުގެ ދެކުނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް އީރާނުން މިސައިލުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއްދީ، އެތައް ބަޔަކު މިއަދު ޒަހަމުކޮށްލައިފި އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.
ސޮރޯކާ މެޑިކަލް ސެންޓަރަކީ އިޒްރޭލުގެ ދެކުނު ސަރަހައްދުގައި ހުންނަ އެންްމެ ބޮޑު ހޮސްޕިޓަލެވެ.
ބީރު ޝެބާގައި ހުންނަ ސޮރޯކާ މެޑިކަލް ސެންޓަރުގެ މަންދޫބަކު ވިދާޅުވީ އެ ހޮސްޕިޓަލުގެ އެކި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ވަނީ ފަރުވާއަށް އެ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުގެ އިމަޖެންސީ ސާވިސް މެޖެން ޑޭވިޑް އަޑޮމް (އެމްޑީއޭ) އިން ބުނި ގޮތުގައި، އީރާނުން އެންމެ ފަހުން ދިން ހަމަލާތަކުގައި 30 މީހަކު ވަނީ ޒަހަމުވެފަ އެވެ. އެ މީހުންނަށް އިޒްރޭލުގެ ޕެރަމެޑިކްސް އިން އަންނަނީ ފަރުވާ ދެމުންނެވެ.
އެމްޑީއޭ އިން ބުނީ އުމުރުން ގާތްގަނޑަކަށް 80 އަހަރުގެ ފިރިހެނަކާއި ގާތްގަނޑަކަށް 70 އަހަރުގެ އަންހެނަކު ސީރިއަސް ހާލުގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އިތުރު 30 ވަރަކަށް މީހަކަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ބޮން ގޮއްވުމުގެ ސަބަބުން ލިބުނު އަނިޔާތައް ކަމަށެވެ.
އީރާނުގެ ރަސްމީ ޓީވީން މިއަދު ބުނި ގޮތުގައި، އެ ހަމަލާ ދިނީ އިޒްރޭލުން އީރާނުގެ އަރަކް ހެވީ ވޯޓާ ރިއެކްޓަރަށް ހަމަލާދިނުމުންނެވެ.
ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އީރާނުގެ ދައުލަތުގެ ޓީވީ ރިޕޯޓަރަކު ބުނީ އެ ތަން ހުސްކޮށްފައިވާ ކަމަށާއި ރިއެކްޓަރުގެ ވަށައިގެންވާ މަދަނީ ސަރަހައްދުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އިޒްރޭލުން މިއަދު ހެނދުނު ވަނީ އެ ތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީ، އެ ސަރަހައްދުން އާންމުން ދުރަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުގެ ދެކުނުގެ އެންމެ ބޮޑު ހޮސްޕިޓަލަށް އީރާނުން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ