މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އީރާނަށް ދިން މިސައިލް ހަމަލާތަކާ އެކު ދެ ގައުމުގެ ދެމެދުގައި ހަނގުރާމައިގެ ހުޅުގަނޑެއް ވަނީ ފަޅައިގެން ގޮސްފަ އެވެ. އެއްކޮޅުން އަނެއްކޮޅަށް ހަމަލާ ދެމުންދާއިރު އެ ހަމަލާތަކާ އެކު ދުނިޔޭގެ އިގްތިސާދަށް ވެސް އަންނަނީ ލޮޅުން އަރަމުންނެވެ.
ބޭރު ދުނިޔޭގައި ހިނގާ މިފަދަ ކަންކަމުގެ އަސަރު މީގެ ކުރިން ވެސް ރާއްޖެއަށް ވަނީ ފޯރާފަ އެވެ. ތަޖުރިބާކާރުން މިފަހަރު ވެސް ލަފާކުރަނީ އެކަން ތަކުރާރު ވާނެ ކަމަށެވެ. ރާއްޖެއަކީ ލައިގެންކާ އެތިކޮޅާއި އުނުފޭރާންގަނޑު ވެސް އެތެރެކުރާ ގައުމެކެވެ. އެހެންކަމުން މިފަދަ ހަނގުރާމަތަކާ އެކު ބައެއް މީހުން ކުރާ ސުވާލަކީ "އަހަރެމެންނަށް ވާނީ ކިހިނެއް" ހެއްޔެވެ. ދެން އަޅަންވީ ކޮން ފިޔަވަޅެއް ހެއްޔެވެ.
ހަމަލާ ދޭން ފެށުމާ އެކު އެންމެ ފުރަތަމަ ވެސް ފެނުނު އެއް ކަމަކީ ތެލުގެ އަގު އުފުލުމެވެ. ދުނިޔޭގެ ބާޒާރުގެ އަގު ޗާޓުތަކުން އެކަން ބުނެދެ އެވެ. އެގޮތުން:
ހަނގުރާމަ ފެށުމުގެ ކުރިން ޑަބްލިއުޓީއައި ކްރޫޑް އޮއިލް ފީފާއެއްގެ އަގު ހުރީ 67 ޑޮލަރުގައި؛ މިއަދު ހުރީ 75 ޑޮލަރުގައި
ބްރެންޓު ތެޔޮ ފީފާއެއްގެ އަގު ވެސް 69 ޑޮލަރުން 76 ޑޮލަރަށް ވަނީ ބޮޑުވެފައި
ތެލުގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކަކީ ރާއްޖެއަށް ވެސް އޭގެ އަސަރު ފޯރާ ކަމެކެވެ. އެސްޓީއޯއިން ބުނީ އީރާނާއި އިޒްރޭލް ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ތެލުގެ އަގު ބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"އެސްޓީއޯއިން ތެޔޮ ގަންނައިރު ބަލަނީ އަރަބް ގަލްފް ޕްލެޓްސްއަށް. ހަނގުރާމަ ފެށި ފަހުން ޕްލެޓްސްގެ ރޭޓު ބޮޑުވެއްޖެ. އެހެންވީމަ ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތް،" އެސްޓީއޯގެ މީޑިއާ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް މިއަށް ވުރެ ވެސް ބޮޑަށް ލޮޅުން އަރުވާލާނެ ދެ ނުރައްކަލެއް އެބައޮތެވެ. ފުރަތަމަ ކަމަކީ އެމެރިކާއިން ސީދާ އެ ހަނގުރާމައިގެ ތެރެއަށް ވަނުމެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އީރާނަށް ހަމަލާ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
ތެލުގެ އަގު އިތުރަށް އުފުލޭނެ އަނެއް ސަބަބު ގުޅިފައި އޮތީ ސްޓްރެއިޓް އޮފް ހޯމުޒްއާ އެވެ. މިއީ ގަލްފު ސަރަހައްދުގެ ގައުމުތަކުން އުފައްދާ ތެލާއި ގޭހުގެ ބާވަތްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭރުކުރެވެން އޮންނަ ހަމަ އެކަނި މަގެވެ. މި ސްޓްރެއިޓުގެ އުތުރަށް އޮންނަނީ އީރާނެވެ. އަދި ދެކުނާއި ހުޅަނގުގައި ހިމެނެނީ ސައުދީ އަރަބިއްޔާ، އޮމާން، ޔޫއޭއީ، ގަތަރު، އިރާގު، ކުވެއިތު އަދި ބަހުރެއިން އެވެ.
ސްޓްރެއިޓް އޮފް ހޯމުޒް މުހިންމުވާ ސަބަބުތައް:
މިއީ ދުނިޔޭގެ ތެޔޮ ރޫޓުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު 'ޗޯކްޕޮއިންޓު'
މިއަހަރު އެވަރޭޖުކޮށް މަހަކު 500 މިލިއަން ތެޔޮ ފީފާ މި ސްޓްރެއިޓް މެދުވެރިކޮށް ވަނީ އުފުލާފައި
އެ ސްޓްރެއިޓުން މަހަކު އެވަރޭޖުކޮށް 3،000 ކަނޑު އުޅަނދުފަހަރު ދަތުރުކުރޭ
މިފަދަ ޗޯކްޕޮއިންޓެއް ވަގުތީ ގޮތުން ވިޔަސް ބަންދުވެއްޖެ ނަމަ ސަޕްލައި މަޑުޖެހި، ތެލުގެ އަގު އުފުލި، ޝިޕިން ހަރަދު ބޮޑުވުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ
މި ރޫޓުން ބޭރުކުރާ ތެލުގެ ގާތްގަނޑަކަށް %84 ދަނީ އޭޝިއާގެ ގައުމުތަކަށް؛ އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނޭ
މަސްދަރު: ޔޫއެސް އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން
އެ ސްޓްރެއިޓް ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު، މީގެ ކުރިން ވެސް އެފަދަ އިންޒާރުތައް އެ ގައުމުން ދީފައިވެ އެވެ. އެހެން ނަމަވެސް އެ އިންޒާރަށް އީރާނުން އަދި މިހާތަނަށް ދުވަހަކު ވެސް އަމަލުކޮށްފައެއް ނުވެ އެވެ.
ހަކަތައިގެ ބޮޑެތި، ބައިނަލްއަގްވާމީ ކުންފުނިތަކުން ލަފާކުރާ ގޮތުގައި އެ ސްޓްރެއިޓް ބަންދުކޮށްފިނަމަ ތެޔޮ ފީފާއެއްގެ އަގު 90 ނުވަތަ 100 ޑޮލަރަށް ވުރެ މައްޗަށް އަރައިގެންދާނެ އެވެ.
ފަތުރުވެރިކަމުގައި އިސްކޮށް އުޅޭ ބޭފުޅުން ވިދާޅުވާ ގޮތުގައި އީރާން-އިޒްރޭލް ހަނގުރާމައިގެ އަސަރު މިހާރު ވެސް އެ ސިނާއަތަށް ވަނީ ފޯރަން ފަށާފަ އެވެ.
އެއް ބޭފުޅަކު ވިދާޅުވީ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
"މިހާރު ވެސް ބުކިން ކެންސަލޭޝަންސް އެބަ އާދޭ. އޭގެ މައްޗަށް ފްލައިޓުތައް އެބަ ޑައިވާޓުވޭ. ދެރަ ކަމަކީ އަޅުގަނޑުމެންގެ ގިނަ ފަތުރުވެރިން އަންނަނީ އެ ސަރަހައްދު ހުރަސްކޮށްފައި ދަތުރުކުރާ ފްލައިޓުތަކުން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން މިދިޔަ ފެބްރުއަރީގައި ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީއިންނެވެ.
މިއީ ސަރުކާރުން އާމްދަނީ ހޯދުމަށް ވެސް ބަރޯސާވާ ސިނާއަތަކަށް ވާއިރު، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކުރީގެ އިކޮނޮމިކް މިނިސްޓަރަކު ވިދާޅުވީ ފަތުރުވެރިކަން މަޑުޖެހިއްޖެ ނަމަ ސަރުކާރުގެ މަޝްރޫއުތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށެވެ.
"ހުރިހާ
ކަމެއް ގުޅިފައި މި އޮންނަނީ ޓޫރިޒަމާ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް މިހާރު
ވެސް މިހިރީ މަޑުޖެހިފައި. ޓޫރިޒަމް މަޑުޖެހިއްޖެ ނަމަ މަޝްރޫއުތައް އަލުން ފަށަން
ވެސް ދަތިތަކެއް ހުންނާނެ. ސަބަބަކީ ދައުލަތުގެ އާމްދަނީ ދަށްވުން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ބައެއް ތަޖުރިބާކާރުންނާ ވާހަކަ ދައްކާލަމުން އެ މީހުން ވަނީ މިހާރު ވަމުންދާ ކަންތައްތަކާއި ވެދާނެ ކަމަށް ލަފާކުރެވޭ ކަންކަން ހިއްސާކުރައްވާފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަލުވިކަމާ އެކު އަރައިގެން ހިނގައްޖެ އެވެ. ހަނގުރާމައިގެ ސަރަހައްދުގައި ހުރި ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ. އެއާ އެކު ފްލައިޓުތައް ދަތުރުކުރާ ރޫޓުތަކަށް ބަދަލު އަތުވެއްޖެ އެވެ. އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިއުމާއި ޓްރާންސްޝިޕް ކުރުމުގެ ދަތިތަކެވެ. އެއާ އެކު މުދާ ލިބުން ލަސްވެދާނެ ކަމެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާނެ ކަމެވެ.
އާންމުން އެ ބުނާހެން، ދެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟
"ދެން މިހާރުން މިހާރަށް ކުރެނެ ކަމެއް ނެތް. މިއީ އެކްސްޓާނަލް ޝޮކުތަކެއް. ގައުމެއްގެ ކޮންޓްރޯލް ނުހިނގާ ކަންކަން މިއީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކުރީގެ އިކޮނޮމިކް މިނިސްޓަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުރިޔަސް ކުރެވޭނެ ކަމަކީ ބޭރުން އަންނަ މިކަހަލަ ލޮޅުންތަކުގެ އަސަރު ކުޑަ ކުރަން މަސައްކަތް ކުރުމާއި ފިޔަވަޅު އެޅުމެވެ. އެކަމަކު އެއީ މިފަދަ ހާލަތްތަކަށް ދުރާލާ ތައްޔާރުވެގެން، ކުރީ ބައިގައި އަޅާފައި ހުންނަން ވާނެ ފިޔަވަޅުތަކެވެ.
މިފަދަ އެކްސްޓާނަލް ޝޮކުތަކުގެ އަސަރު ކުޑަކުރަން އެޅޭނެ އެންމެ މުހިންމު ފިޔަވަޅުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ކަމަކީ މިއީ އެވެ.
ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް ބުރޫއަރާ ގޮތަށް ވިޔަފާރިކުރާ ކަމުގެ ކަންބޮޑުވުމަކީ ވިޔަފާރިވެރިންގެ މެދުގައި މީގެ ކުރިން ވެސް އޮންނަ ކަންބޮޑުވުމެކެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި މީގެ ކުރިން އަދި މިހާރު ވެސް ފެންނަނީ ސަރުކާރުން ވިޔަފާރީގެ އާ ދިމަދިމާލަށް ފުޅާކުރާ މަންޒަރެވެ.
"މުޅިން ވެސް މި ފެންނަނީ ސަރުކާރު ކުންފުނިތަކަށް ހުރިހާ ކަމެއް، މަސައްކަތެއް ދޭ ތަން. މިފަހުންނެއް ނޫންތޯ ސްކޫލްތަކުގެ އޭސީ ހަރުކުރަން ވެސް ސަރުކާރު ކުންފުންޏަކާ ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ގިނަ އަދަދެއްގެ އަމިިއްލަ ވިޔަފާރިވެރިން ތިބީ ޑޮލަރު ލިބުން ދަތިވެފަ އެވެ. ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ %90 މި މަހުން ފެށިގެން މަރުކަޒީ ބޭންކު އެމްއެމްއޭއިން ނަގަން ނިންމުމަކީ ވިޔަފާރިވެރިން ބުނާ ގޮތުގައި އިތުރު ބުރައެކެވެ.
ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން މުދާ އެތެރެކުރަން ޖެހޭ ނަމަ މުދަލުގެ އަގު އުފުލިގެން ދިއުމުގެ އިތުރުން ހަނގުރާމައެއްގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން މައްޗަށް ހިނގެއްޖެ ނަމަ ތަކެތީގެ އަގު އިތުރަށް ބޮޑުވާނެ އެވެ.
ހަނގުރާމައިގެ ރާޅު މެދުއިރުމަތިން ރާއްޖޭގެ ގޮނޑުދޮށަށް ބިންދާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ