ގާސިމް ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ މަރުހަބާ ކިޔަންވާނެ: މައުރޫފް

ގާސިމް ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ އެކަމަށް މަރުހަބާ ކިޔަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. މެންބަރ މައުރޫފް ޒާކިރު އެހެން ވިދާޅުވީ ރިސޯޓް މުއައްޒަފުންނަށް ސާވިސްޗާޖް ދިނުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ގާސިމް އިބުރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއް ޓެގްކުރައްވާ މައުރޫފް ކުރެއްވި ޕޯސްޓެއްގައެވެ.
ގާސިމް އިބްރާހީމް ކުރެއްވި ޕޯސްޓްގައިވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށާއި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ. 
ގާސިމް ވިދާޅުވާގޮތުގައި ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންކަމަށް ގާސިމް ވިދާޅުވެއެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އޮތްކަމަށްވެސް ގާސިމު ވިދާޅުވެއެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ކަމަށް ވެސް ވިލާ ގްރޫޕްގެ ޗެއަރމަން ވިދާޅުވެއެވެ. 
އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ގާސިމް ދެކެވަޑައިގަނެއެވެ. "އަޅުގަނޑަކީވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތައް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ" ކަމަށް ގާސިމު ވިދާޅުވެއެވެ.  
ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއްކަމަށާއި މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށް ވިލާގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހީމް ވިދާލުވިއެވެ. " ފައިސާގެ ޖިންސު ބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޒެއް ނެތް ކަމުގައިވާނަމަ" ކަމަށްވެސް ގާސިމް ވިދާޅުވެއެވެ.
ރިސޯޓް މުއައްޒަފުންގެ ހައްގުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މައުރޫފް ޒާކިރު ވަނީ ގާސިމް އިބްރާހީމްގެ އެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވިދާޅުވެފައިވަނީ " މީ ހަމަ މިކަން ގާނޫނުގައި ބާޔާންކޮށްފައިވާގޮތުގެ ސާފު ޙުލާސާއެއް" ކަމަށެވެ. މައުރޫފް ވިދާޅުވާ ގޮތުގައި މިހާރުވެސް ޑޮލަރުން މުސާރަ އަދި ސާވިސްޗާޖް ލިބެމުންދާ އެއްްވެސް މުވައްޒަފަކަށް އެނޫން ގޮތަކަށް ދޭން ހުށަހަޅައި މުވައްޒަފު އެގޮތް ބޭނުން ނުވާނަމަ އެކަމަށް ފާޅުގައި އިންކާރުކޮށް ދެކޮޅުހެދުމަކީ ހަމަ ކޮންމެ މުވައްޒަފަކަށްވެސް ލިބިފައިވާ ހައްގެކެވެ. އެކަން ގަބޫލުކޮށް އެމަގުން މަސައްކަތް ކުރުމަށް ރިސޯޓްތަކުގެ މުއައްޒަފުންނަށް ޓީމް ލީޑަރ މައުރޫފް ޒާކިރުވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ