ރާއްޖެ-ވިއެޓްނާމްގެ ހާރިޖީ ގުޅުމަށް 50 އަހަރު، އެ ގައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑަންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި މި ތާރީހީ މުނާސަބަތުން ވެސް، ދެ ގައުމުގެ ޒަމާންވީ ރަހްމަތްތެރިކަމާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް ފަރުދީ ފެންވަރު ގައި ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނޭ ކަން ޔަގީން ކުރައްވާ ކަމުގަ އިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނަށް ހެޔޮއެދުންތައް އަރިސް ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެ ގައުމަށް އިތުރު އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ