ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް ނިންމާފައިވާތީ، އެކަމަށް ހޫނު މަރުހަބާއެއް ކިޔުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ނަޝީދާއި ބައިވެރިންގެ އެނބުރި ވަޑައިގަތުމާ ގުޅިގެން ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެރިވެވަޑައިގެން މެމްބަރަކު ވިދާޅުވީ އެންމެންގެ ވެސް ރޫހު ހުރީ ހޫނު މަރުހަބާއެއް ކިޔުމަށް ކަމަށެވެ.
"ޑެމްސްއަށް މަރުހަބާ ކިޔަން އެންމެން ވެސް އެއްބަސްވީ. އެކަކު ވެސް އެކަމާ ދެކޮޅެއް ނުހަދާ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެން އެ ބައްދަލުވުމުގައި މަޝްވަރާކުރީ، މަރުހަބާ ކިޔާނެ ގޮތަކާ މެދު އެވެ. އެގޮތުން މެމްބަރުން ވާހަކަ ދެއްކެވީ:
ސްކޫލު ހޯލެއްގައި ޖަލްސާއެއް ބާއްވައި މަރުހަބާ ކިޔުމަށް
ހަރުގޭ ޖަލްސާއެއް ބާއްވަން
އެކަމާ ގުޅޭނެ ހާއްސަ ބޮޑު ޖަލްސާއެއް ބާއްވަން
ގިނަ މެމްބަރުންގެ ތާއީދު އޮތީ ބޮޑު ޖަލްސާއެއް ބާއްވައިގެން ނަޝީދަށް މަރުހަބާ ކިޔުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ނަޝީދާއި ޑިމޮކްރެޓިކްސްގެ މެމްބަރުންގެ އެނބުރި އައުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުކުރުމާ އެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު އަދި ރާއްޖޭގެ އެންމެ ދޮށީ ޕާޓީ
ރާއްޖެ ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ ޕާޓީގެ މެންބަރުންގެ ހިތްވަރުން
"އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާން ޖެހޭ މިފަދަ ވަގުތެއްގައި، ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެކެވެ،" އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޫހު ހުރީ ނަޝީދަށް ހޫނު މަރުހަބާއެއް ކިޔަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ