ޝާހިދާއި ފައްޔާޒުގެ މަރުހަބާ ނަޝީދަށް: މުސްތަގުބަލު އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ނިންމެވުމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ވަނީ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް އިއްތިފާގުވީ، ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް މަރުހަބާ ކިއުމަށެވެ. https://sun.mv/207470 މިރޭ ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގެ މަގުސަދަކީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ވަނުމަށް ނިންމާފައިވާތީ އެކަމާ މަޝްވަރާ ކުރުމެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އެބޭފުޅުން އެމްޑީޕީއާ ގުޅުމަށް އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެކޮޅުހައްދަވާފައެއް ނުވެއެވެ. މި ބައްދަލުވުމަށް ފަހު ޝާހިދާއި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. ޝާހިދު ކުރެއްވި ޕޯސްޓުގައި ވަނީ، އަހަރެމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެކަމަށެވެ. އަދި އަމާޒު ހިފަންވާނީ އަބަދުވެސް މުސްތަޤުބަލަށްކަމަށާއި ކާމިޔާބު ލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމަށް އެ ޕޯސްޓުގައި ވެއެވެ. https://x.com/abdulla_shahid/status/1935396566283731432 "ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ޤައުމުގެ މިސްރާބު ހަމަ މަގަށް އަޅުއްވަން ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ،" ޝާހިދު ލިޔުއްވާފައި ވެއެވެ. އެމްޑީޕީގެ މި ނިންމުމާ ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވަނީ، އެމްޑީޕީ އަކީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމާއެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު ޕާޓީއަށް ވުމުގެ އިތުރުން ރާއްޖޭގެ އެންމެ ދޮށީ ސިޔާސީ ޕާޓީކަމުގައެވެ. އަދި ރާއްޖެ ހަމަމަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ އެމްޑީޕީގެ ހިތްވަރުން ކަމަށް ފައްޔާޒު ލިޔުއްވާފައި ވެއެވެ. "އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާންޖެހޭ މިފަދަ ވަގުތެއްގައި ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެއް،" އެ ޕޯސްޓުގައި ވެއެވެ. https://x.com/faya_i/status/1935397719797023154 ނަޝީދު ވަނީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވައިފައެވެ. ނަމަވެސް، މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެމްޑީޕީގެ ރައީސްކަމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ. އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ. ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދު ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ