ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހަކު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެކަމަށް އެދި ހުށަހެޅީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާ ކަމަށް ބުނެ، އެ މަގާމުން މިދިޔަ މަހުގެ 25ގައި ވަކިކުރި މަރިޔަމް ޒީނިޔާގެ ފަރާތުންނެވެ.
ޒީނިޔާ އެފަދަ ވަގުތީ އަމުރަކަށް އެދުނީ:
އެ ޓްރައިބިއުނަލަށް ހުށަހަޅާފައި އޮތް، ވަޒީފާއިން ވަކިކުރި މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އެ މަގާމަށް މީހަކު އައްޔަންކޮށްފި ނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުމެއް އޭނާއަށް ލިބިދާނެ ކަމަށް ބުނެ
އެ މަގާމަށް މިހާރު މީހަކު އައްޔަންކޮށްފި ނަމަ، މައްސަލަ އޭނާއާ އެއްކޮޅަށް ނިމޭ ހާލަތުގައި ވަޒީފާ އަނބުރާ ދޭން ބަލާއިރު އެފަދަ އެހެން ވަޒީފާއެއް ކޮމިޝަނުގައި ނޯންނާނެ ކަމަށް ބުނެފައިވޭ
މިގޮތަށް އޭނާގެ ފަރާތުން އެދުނުއިރު، އެ މަގާމަށް މީހަކު ހޯދަން މިހާރު އޮތީ ހުޅުވާލާފައި؛ އެހެންވެ އެ މަސައްކަތް ހުއްޓާލަން އެންގުމަށް ވެސް އެދިފައިވޭ
ބުނީ ކީކޭ؟ - މިފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އެފަދަ އަމުރެއް ނެރެފި ނަމަ، ޒީނިޔާއަށް ލިބިދާނެ ގެއްލުމަކަށް ވުރެ ބޮޑަށް، ބްރޯޑްކޮމަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ބެލެވޭތީ އެވެ.
އެ ނިންމުމުގައި ބުނީ:
އެސްޖީއަކީ މުޅި އެތަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތަށް ވާއިރު އެ މަގާމު ހުސްކޮށް ބާއްވާ ނަމަ ތަނުގެ އިދާރީ ހިންގުމަށާއި މަސްއޫލިޔަތުތަކަށް ބުރޫއަރާނެ
މައްސަލަ ޒީނިޔާއާ އެއްކޮޅަށް ނިމޭ ހާލަތުގައި އޭނާއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެތީ އެފަރާތަށް ލިބޭނެ ކަމަށް ބުނާ ގެއްލުމަކީ އިއާދަނުކުރެވޭނެ ގެއްލުމެއް ކަމަކަށް ބުރައެއް ނުވެވޭ
ވަގުތީ އަމުރުގެ މައްސަލާގައި ބްރޯޑްކޮމްއިން ހުށަހެޅި ޖަވާބުގައި ބުނެފައިވަނީ އެ މަގާމަށް މީހަކު އައްޔަންކުރަން އިއުލާންކޮށްފައިވަނީ ތަނުގެ އިދާރީ ކަންކަން ބަލަހައްޓާނެ މީހަކު މިވަގުތު ނެތުމުން، އެ ކޮމިޝަނުގެ ވަރަށް ގިނަ މަސައްކަތްތަކަށް ހުރަސްއެޅި، ހުއްޓިފައި އޮތުމުން ކަމަށެވެ.
އެގޮތުން ތަނުގެ މުވައްޒަފުން އިތުރުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށާއި، ބްރޯޑްކޮމް ހިންގާ އިމާރާތް ވެސް ބަދަލުކުރަން ޖެހިފައި ވާތީ، މިވަގުތު އެ މަސައްކަތްތަކުގެ ޒިންމާ އުފުލަން ޖެހޭ އެސްޖީއަކު ނެތުމުން، އެ މަސައްކަތްތައް ވެސް ހުއްޓިފައި އޮތް ކަމަށް ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކޮމަށް އެސްޖީއަކު ނެގުން ހުއްޓުވުމުގެ އަމުރެއް ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ