ރާއްޖޭގައި ކުށް ކުރާ ކުޑަކުދިންގެ އަދަދު، ގަބޫލުކުރަން ދަތި މިންވަރަށް ގިނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟- ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި ވެސް ގޭންގުތައް އުފެދި، އެ ގޭންގުތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ ކަމަށެވެ. އެހެން ކުށްތަކާ އެކު ގަބޫލުކުރަން ބޭނުންނުވާ މިންވަރަށް، ނޫނީ ގަބޫލުކުރަން ދަތި މިންވަރަށް އެކަމުގެ ތެރޭގައި ކުޑަކުދިން އުޅޭ ކަމަށް ވިދާޅުވި އެވެ.
ތަފްސީލު - އިހުސާން ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކޮށް، ބޮޑެތި މާރާމާރީ ހިންގާ މީހުން، ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އުމުރުން 14 އަހަރު ނުފުރޭ ކުދިން، ކުށުގެ ޒިންމާ ނަގަން ނުޖެހުން ކަމަށް ވިދާޅުވި އެވެ.
މި ގޮތަށް ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ނެރެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެއްވީ، އެފަދަ ކުދިންނަށް ވަކި ރަށެއްގައި ގާއިމް ކުރާ 'ހޯޕް އައިލެންޑް' އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި:
ހޯޕް އައިލެންޑަށް ގެންދާނީ، މިހާރު ވެސް ކުށްތަކަށް އަރައިގަންނަ އަދި ކުށުގެ މާހައުލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް ތިބި ކުދިން
ސަރުކާރުގެ މަގްސަދަކީ އެ ކުދިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ދީ ހަރުދަނާ ބަޔަކަށް ހަދައިދިނުން ކަމަށް
މި މަޝްރޫއު ކުރިއަށް ގެންދަން މިހާރު ބިޑަށް ވަނީ ހުޅުވާލައިފަ އެވެ. ސަރުކާރުގެ އުއްމީދަކީ 2027 ނިމުމުގެ ކުރިން އެތަން ހުޅުވާލުން ކަމަށް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި މިނިސްޓަރު ދެން ފާހަގަކުރެއްވި އަނެއް ކަމަކީ ރާއްޖޭގެ ޖަލުތައް އެއްކޮށްލައި، އެއްތަނެއްގައި ބޮޑު ޖަލެއް ގާއިމު ކުރުމެވެ.
އިހުސާން ވިދާޅުވީ އެކި ރަށްރަށުގައި ޖަލުތައް ހަދައިގެން މީހުން ބައިތިއްބުމަކީ ހުރިހާ ގޮތަކަށް ބެލި ނަމަވެސް، އުނދަގޫ އަދި ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެންވެ އުތުރު ތިލަފަޅުގައި ހަދަން ނިންމާފައިވާ މި ސެންޓްރަލް ޖަލުގެ ސަބަބުން، މިހާރު އެކަމަށް ކުރާ ހަރަދުގެ %40 ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި:
ފަރުވާ އާއި ދޭ ހިދުމަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި އެތަނުގައި ގާއިމް ކުރާނެ
އެތަން ތަރައްގީ ކުރާނީ، ރިހިބިލިޓޭޝަނާއި ކަރެކްޝަންގެ ހިދުމަތް ވެސް އެންމެ ރަނގަޅަށް ދޭ ތަނެއްގެ ގޮތުގައި
މަގްސަދަކީ ޖަލު ހުކުމް ނިންމާފައި ނުކުންނަ މީހާއަކީ މުޖުތަމައުން ބަލައިގަންނަ މީހަކަށް ހެދުން
ގަބޫލުކުރަން ދަތި މިންވަރަށް ކުޑަކުދިން ކުށުގެ މާހައުލުގައި އުޅޭ: މިނިސްޓަރު އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ