ޚާމަނާއީގެ ވަރުގަދަ ރައްދެއް ޓްރަމްޕަށް، ހަނގުރާމައަށް އެމެރިކާ ވަދެއްޖެނަމަ ހަމަލާތައް ވަރުގަދަވާނެ

އީރާނާ އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގައި އީރާނުން އަމާންދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މި ރައްދުގައި ވަނީ، އީރާނުން އޮތީ ހަނގުރާމައިގައި އަމާންދޭ ގޮތަކަށް ނޫން ކަމަށާއި، ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ، އިއާދަ ނުކުރެވޭ ވަރުގެ ނަތީޖާއެއް ފެންނާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާއަށް ގެއްލުންވާނެކަން 100 ޕަސަންޓު ޔަގީން ކަމަށްވެސް ޚާމަނާއި ވިދާޅުވިއެވެ. "އެމީހުންނަށް އެނގެން ޖެހޭނެ އީރާނުން އަމާން ނުދޭނެކަން. އަދި އެމެރިކާއިން ދޭ ކޮންމެ ހަމަލާއެއްގެ ސަބަބުން ސީރިއަސް، އިއާދަނުކުރެވޭ ނަތީޖާތަކެއް ކުރިމަތިވާނެ،" ޚާމަނާއީ ވިދާޅުވިއެވެ. "އީރާނުގެ ތާރީޚް އެނގޭ މީހުންނަށް އެނގޭނެ ބަހުގެ އިންޒާރަކަށް އީރާނު ރައްދު ނުދޭނެކަން،" ޓްރަމްޕްގެ އިންޒާރުތަކަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވިއެވެ. ޚާމަނާއީ އެގޮތަށް ވިދާޅުވީ އީރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް ލިބިއްޖެ ކަމަށާއި އެހެންވެ، ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ގޮވާލެއްވުމާ ގުޅިގެންނެވެ. އީރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ލިބިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ސިފައިން އެކަން ކުރި ކަމަށް އިޝާރާތް ކުރައްވަމުންނެވެ. އިސްރާއީލާއި އީރާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަދެދާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ މިދިޔަ އާދިއްތަ ދުވަހު ދެއްވާފައެވެ. އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލުކުރަމުންދާތާ، ހަ ދުވަސްވެފައިވާއިރު، މިއަދުވެސް ދެ ފަރާތުން ވަނީ ވަރުގަދަ ވައިގެ ހަމަލާތައް ދީފައެވެ. އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ފުރަތަމަ ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ