ދަ ޑިމޮކްރެޓްސް އުވާލާ އެ ޕާޓީގެ މެންބަރުންނާއެކު އަލުން އެމްޑީޕީއާ ގުޅެން ނިންމަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔަން ފެންނަ ކަމަށް މިރޭ ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުއްލި ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމީ ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން އިއްޔެ ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގެންދަވާ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ރާގު ހުރީ ޕާޓީއާ އަލުން ގުޅޭ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މާޒީގެ އަޅުންނަށް ވެގެން ތިބުމުގެ ބަދަލުގައި ނަޝީދާއި އެމަނިކުފާނާއެކު އެނބުރި ވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ވެސް ވަނީ ކުރީގެ ކަންކަން އިޔާދަ ނުވާނެހެން ޕާޓީ ބޮޑުކުރަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި ކުޑަހުވަދޫ ދާއިރާގެ ރައީސް ސާތިރު އަބްދުލް ރަހުމާން ވެސް ވަނީ ޕާޓީއާ ގުޅެން ބޭނުންވާ ހުރިހާ އެންމެނަށް މަރުހަބާ ކިޔަން ވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކުރިއަށް އޮތް އިންތިހާބުތައް ޕާޓީއަށް ކާމިޔާބު ކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ވެސް ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
ނަޝީދާއި ޑިމޮކްރެޓުންނަށް މަރުހަބާ ކިޔުމާއި ދެކޮޅަށް ގައުމީ މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަދައްކަވާފައެއް ނުވެ އެވެ. ނަމަވެސް 2023 ގައި ހިނގާދިޔަ ކަންކަމާ ގުޅިގެން އަދިވެސް ހުރި ނުރުހުންތަކާއި ޕާޓީއަށް ލިބުނު ގެއްލުންތައް ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
ސިޔާސީ ކަންކަމުން ދުރުވެ މިވަގުތު ގާނާގައި ދިރިއުޅުއްވާ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބޭއްވީ އިއްޔެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުންގެ ތާއީދާއެކު ނިންމީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށެވެ.
އެ ގަރާރު ފާސްކުރުމާއެކު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެ ދެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބޭނުންވަނީ ނަޝީދާއި ޑިމޮކްރެޓުންނަށް ހޫނު މަރުހަބާއެއް ކިޔަން އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބޭނުންވަނީ ނަޝީދާއި ޑިމޮކްރެޓުންނަށް ހޫނު މަރުހަބާއެއް ކިޔަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ