ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، މިހާރުގެ ވިލިމާލެ ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާއި ދީނީ ދެ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އަދި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް ދައުވާ އުފުލީ 21 ޖޫން 2022ގައި ހިންގި ޔޯގާ ހަމަަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މިހާރު ބަންދުން ދޫކޮށްލާފައިވާ އެ ދެ މީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ދީނީ ގޮތުންނާއި ސިޔާސީ ގޮތުން އެކަން ރާވާ ހިންގުމުގެ ތުހުމަތުކޮށް އޭރުގެ ޕީޕީއެމް-ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާގެ މަގާމުގައި ހުންނެވި މިހާރުގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ.
މި ދައުވާތަކުގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، ޕީޖީން އިއްޔެ ބުނި ގޮތުގައި، އެ މީހުންގެ މައްޗަށް އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން އެ އޮފީހުން މިހާރު ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމީ، އެ ދައުވާތައް މުރާޖައާކޮށްދިނުމަށް އެދި އެ މީހުންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާކުރުމަށް ފަހު ކަމަށް އެ އޮފީހުން ބުންޏެވެ.
ތަފްސީލް - ޕީޖީ އޮފީހުން ބުނީ، އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާކުރުމަށް ފަހު ނިންމާފައިވަނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އެގޮތުން، އެ އޮފީހުން ބުނީ:
ދައުވާތައް މުރާޖައާކުރުމުގައި، ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާ މެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވާތީ އެ ކަމަށް ރިއާޔަތްކޮށްފައިވާނެ
މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އެކަމަށް ރިއާޔަތްކޮށްފައިވާނެ
ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވާތީ އާއި އެ މީހުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައިވާނެ
އެހެންކަމުން، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި، ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އެކަންޏެވެ.
އެ މީހުންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އެ މީހުންނަކީ:
އަބްދުﷲ ރިފާއު، ނަރުގިސްވިލާ/ތ. ތިމަރަފުށި
އަބޫބަކުރު ފާރިއު، ކާނޭޝަންމާގެ/ނ. މިލަދޫ
އަހުމަދު އަކްސަމް، އަލަމާގެ/ރ. ކަނދޮޅުދޫ
އަހުމަދު ނަސޫހު، އަސްރަފީވިލާ/ގއ. މާމެންދޫ
ހަސަން ޝިފާޒު، މ. ކުދެހިގެ
ޝަބިމް އާދަމް، އާބާދީގުލްޝަން/ފ. ދަނބުރުދޫ
މުހައްމަދު ޒިލިއަން/މއ. ކަނުހުރާ
އެނގުން މުހިންމު - އެ މައްސަލާގައި ފުލުހުން ހިންގި ޖިނާއީ ތަހުގީގާ ގުޅިގެން ނިޝާން އަދި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އޭރު ހިފެހެއްޓި އެވެ. އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ ހުއްދަ ވަނީ އަނބުރާ ދީފަ އެވެ.
އެ ދެ ބޭފުޅުންނަށް ކުރި ދައުވާތަކުގައިވާ ގޮތުން، ގަލޮޅު ރަސްމީ ދަނޑުގައި ހިންގި ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއާއަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި މި ދެ ބޭފުޅުން އިސްކޮށް ހަރަކާތްތެރިވެފައިވެ އެވެ.
މުހައްމަދު އިސްމާއިލް އެ މައްސަލާގައި ހައްޔަރުކުރީ 22 ޖޫން 2022ގަ އެވެ. އެކަމަކު އޭނާ މާ ގިނަ ދުވަހެއް ނުވެ ބަންދުން ދޫކުރި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ އެދުވަހުގެ އެއްވުން އިންތިޒާމުކޮށް، އެ ހަރަކާތައް ދިދަފަދަތަކެތި ފޯރުކޮށްދިން ކަމަށް ތުހުމަތުކޮށެވެ. އެކަމަކު އޭރު އިދިކޮޅުގައި އޮތް ޕީއެންސީން ބުނެފައިވަނީ އޭނާއަކީ އެދުވަހުގެ ހަރާކާތަށް ގޮސްފައިވާ މީހެއް ވެސް ނޫން ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
މެމްބަރު މުހައްމަދު އިސްމާއިލާއި 2 ޝެއިހުގެ މައްޗަށް އުފުލި ޔޯގާ ހަމަނުޖެހުންތަކުގެ ދައުވާ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ