ބެންކޮކްގެ މަޝްހޫރު ޕަބެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ
ތައިލެންޑުގެ ބެންކޮކްގައި ހުންނަ މަޝްހޫރު ޕަބެއްގައި ރޭ އަލިފާން ރޯވެ، 27 މީހުން މަރުވެއްޖެއެވެ. ސަލާމަތީ ބާރުތަކުން ބުނިގޮތުގައި ނާ ލަޑްޕްރާއޯ ނަމަކަށް ކިޔާ އެ ޕަބްގައި އަލިފާނުގެ ހާދިސާ ހިނގި ކަމަށް ރިޕޯޓުކޮށްފައި ވަނީ 23:30ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ބައިގަޑިއިރުން ކަމަށާއި، އޭގެ ފަހުން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އަނދާފައިވާ މޭޒުތަކާއި ގޮނޑިތަކާއި، ޕަބްގެ އެތެރެ ހަލާކުވެފައިވާ މަންޒަރު ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާގައި 63 މީހުން ވަނީ ޒަޚަމްވެފައެވެ. ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރާކުލް ވަނީ އެ ހާދިސާގައި މަރުވި 27 މީހެއްގެ ހަށިގަނޑު ބޭރަށް ނެރެފައިވާ ކަމަށް ވިދާޅުވެފައެވެ. އަލިފާނުގެ ހާދިސާއަށް ފަހު ބާގެ އެތެރެއިން ނަގާފައިވާ ފޮޓޯއެއް. އަލިފާނުގެ ސަބަބުން ފަރުނީޗަރާއި ފާރުތަކާއި ސީލިންގް ވަނީ ކަޅުވެފައި. ފޮޓޯ/އޭއެޕްޓީއެން "ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ފޮނުވާލާފައި. އެ މީހުންގެ ހާލަތު ވަރަށް ގާތުން އަޅުގަނޑުމެން ބަލަމުން އެބަދަން،" ބޮޑުވަޒީރު ވިދާޅުވިއެވެ. އަނޫޓިން ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ވަނީ ފަށައިފައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު ޕަބްގައި މިއުޒިކް ކުޅެން ހުރި މީހަކާ ވާހަކަ ދެއްކުމުން، ހާދިސާ ހިނގައިފައިވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެ މައުލޫމާތު ދިން މީހާއާ ހަވާލާދީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ކަރަންޓު މައްސަލަ ދިމާވެ އެއްޗެއް ގޮވި އަޑު އިވުމާއެކު މީހުން އެ ތަނުން ބޭރަށް ނުކުންނަށް ދުއްވައިގަތެވެ. އެ ވަގުތު އަލިފާނާއި ދުންގަނޑު ފެތުރި، ގިނަ ބަޔަކަށް ބޭރަށް ނުދެވުނެވެ. އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފުޓޭޖެއް. ފޮޓޯ/ފަޔާ އެންޑް ރެސްކިޔު ތައިލެންޑް ގިނަ އަދަދެއްގެ މީހުން އަލިފާނާއި ދުމުން ސަލާމަތް ވުމަށް ފާޚާނާ ތެރެއަށް ވަދެފައިވާ ކަމަށާއި، މަރުވި ގިނަ މީހުންގެ ހަށިގަނޑު ފެނުނީ ފާޚާނާތަކުގެ ތެރެއިން ކަމަށް އަނޫޓިން ވިދާޅުވިއެވެ. ބެންކޮކްގެ ޑިޒާސްޓާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ސުރިޔާޗައި ރަވިވާން ވަނީ، އެ ހާދިސާގައި ގިނަ މީހުން މަރުވެފައި ވަނީ ދުމުގެ ސަަބަބުން ނޭވާލާން އުނދަގޫވެގެން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް އިތުރު ތަހުގީގުތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ހަތަރު އަހަރު ކުރިން ވެސް ބެންކޮކްގެ ބާއެއްގައި އަލިފާން ރޯވެ 22 މީހުން ވަނީ މަރުވެފައެވެ. ދެހާސް ނުވަ ވަނަ އަހަރުވެސް ބެންކޮކްގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 66 މީހުން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ