އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ލިންކް ރޯޑަކީ އައްޑޫގެ ދަތުރުފަތުރުގެ މައި ނާރު ކަމަށްވެފައި، އެހެން ޑައިވާޝަން މަގެއް ނެތުމުން މަސައްކަތް ކުރިއަށް ގެންދަންޖެހެނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ. "އަޅުގަނޑުމެން އެ މަގު ހަދާއިރުގައި ވިސްނާލަންޖެހޭނީ އެއް ފަރާތް ހަދާފައި، ހުޅުވާފައި، އަނެއް ފަރާތް ހެދުމުގެ ކަންތައްވެސް. ރައްޔިތުންނަށް އެ މަގު ބޭނުން ނުކުރެވޭ ގޮތަށް އެއްކޮށް ބަންދުކޮށްގެން ނުކުރެވޭނެކަން،" މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ މަގު ފުޅާކުރުމަށްފަހު ކެރިއޭޖްވޭގެ މަސައްކަތް ކުރުމަށް ކަމަށާއި، ސައިޑްވޯކްގެ މަސައްކަތް ކުރިއަށްދާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރާއެކު މި މަޝްރޫޢު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، މަސައްކަތް ވީހާވެސް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ އިން ފެށިގެން ގަމާ ހަމައަށް ގުޅައިލަދޭ 16 ކިލޯމީޓަރުގެ މި ލިންކް ރޯޑަކީ 2001 ވަނަ އަހަރު ބޭނުންކުރަން ފެށި މަގެކެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މި މަޝްރޫޢު ނިންމުމަށް އެއްބަސްވުމުގައި ދީފައިވަނީ 1،440 ދުވަހެވެ.
އައްޑޫ ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްއެބަދޭ - މުއްޠަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ