ޕީއެންސީ އިންތިހާބުގެ މާރާމާރީ: އިތުރު މީހަކު ހައްޔަރުކޮށް، ޖުމްލަ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި އިތުރު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ ތިނަކަށް އަރާފައެވެ.
މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ.
މި ހަމަނުޖެހުމުގައި ދެ ގްރޫޕެއްގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިންގާފައިވާ އިރު، އެކަކު އަނެކަކަށް ހަމަލާދިނުމަށް ގޮނޑި ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ކާމިލް ދީދީ ސްކޫލުގެ ބައެއް ތަކެއްޗަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ. ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔަ ބައެއް އެހެން މަރުކަޒުތަކުގައި ވެސް ކުދިކުދި ހަމަނުޖެހުންތައް ހިނގާފައިވާ ކަމުގެ ޚަބަރުތައް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ