ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށާއި، އެކަން އެހެން ދިމާވަނީ ކުރީ ސަރުކާރުން ފަށާފައިވާ އަދި ސޮއިކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށްގެންދާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތޮލިބު އެ ވާހަކަ ދެއްކެވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު، ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ޝާކިރު، މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހެޅުއްވީ މިދިޔަ 10 ސެޕްޓެމްބަރުގަ އެވެ.
މެންބަރު ސުވާލު ކުރެއްވީ ކޯޒްވޭގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ދުވަހެއް ސާފުކުރެއްވުމަށެވެ. މިނިސްޓަރު ވިދާޅުވީ ކޯޒްވޭގެ މަސައްކަތް ޝެޑިއުލަކާ އެކު ކުރިއަށްދާ ކަމަށާއި 2028 ވަނަ އަހަރުގެ މެދަކާ ހަމައަށްދާއިރު މަސައްކަތް ނިންމާ ރައްޔިތުންނަށް އެތަން ބޭނުންކުރެވެން ފެށޭވަރުވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - މި ސަރުކާރުން ވެރިކަމަށް އައީ ވަކި މަޝްރޫއުތަކަކަށް ވައުދުވެގެން ކަމަށާއި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވީ ކުރީ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"ކުރީގައި ވެސް އަޅުގަނޑު މަޖިލީހުގައި ދަންނަވާފައިވާނެ އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު، ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި 40 ހަކަށް ބިލިއަން ރުފިޔާގެ މަޝްރޫއު ހުރި. މި ސަރުކާރު ވެރިކަމަށް އައީ މެނިފެސްޓޯއަކާ އެކު ރައްޔިތުންނަށް ވައުދުތަކެއް ވެގެން، މަޝްރޫއުތައް ހިންގުމަށްޓަކާ،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ސަރުކާރުގެ، ރައީސްގެ ޑެސިޝަނަކަށްވީ ކުރީ ސަރުކާރުގައި ސޮއިކޮށްފައި ހުރި މަޝްރޫއުތަކެއް ވިޔަސް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންގެ އެޖެންޑާ ވެސް ކުރިއަށް ގެންދަން. މި ދައްކަނީ ވަރަށް ހައްސާސް ކަމެއްގެ ވާހަކަ. ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއަކާއި މި ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދިއުން."
މުއްތޮލިބު ވިދާޅުވީ ދެ ކަންތައް ކުރިއަށް ގެންދަން ޖެހެނީ ވިސްނުންތެރިކަމާ އެކު ކަމަށާއި، އެއާ އެކު މަޝްރޫއުތަކުގައި ލަސްކަން އަދި މައްސަލަތައް ވެސް އުޅެދާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އޭރުގައި ފަށާފައި ހުރި ހުރިހާ މަޝްރޫއެއް ވެސް، ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދިއުމާއެކު މި ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ލަސް؛ އެއީ ކުރީ ސަރުކާރުގެ މަޝްރޫއުތައް ވެސް ކުރިއަށްގެންދަން ޖެހޭތީ: މުއްތޮލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ