ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، އެ ފަރާތްތަކާމެދު ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްސަ ބައްދަލުވުންތަކެއް މާފުށި ޖަލުގައި ބާއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި މަހުގެ 11 ވަނަ ދުވަހު ކުރިއަށްދިޔަ މި އިންޓަވިއުތަކަކީ ޕެރޯލްގެ ފުރުޞަތަށް އެދިފައިވާ ޤައިދީންގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ބައްދަލުވުންތަކެކެވެ. މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ވޮކޭޝަނަލް ކޯސްތައް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުމްލަ 241 ރިކުއެސްޓެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 189 ފޯމެއްގެ ޝަރުޠު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު، 43 ފޯމެއްގެ ޝަރުޠު ހަމަނުވާކަމަށް ވަނީ ނިންމާފައެވެ. އަދި 8 ފޯމެއްގެ މައްސަލަ ނުނިމި އޮތްއިރު، އެއް ފޯމަކާ ގުޅޭގޮތުން ޤާނޫނީ ލަފައަކަށް ވަނީ އެދިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި 86 ފޯމެއް ޕެރޯލް ބޯޑަށް ހުށަހެޅުނުއިރު، އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ބޯޑުން ހުއްދަ ދީފައިވެއެވެ. ނަމަވެސް 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ.
ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަ ލިބުނު ނަމަވެސް، އެކި ސަބަބުތަކާހުރެ 25 މީހެއްގެ ޕެރޯލް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރެއިން ދެ މީހެއްގެ ޕެރޯލް ކެންސަލްކުރީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުގެ ސަބަބުންނެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު ވަނީ އަލުން މުޖުތަމަޢުއަށް ދޫކޮށްލާފައެވެ.
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ