ޕީއެންސީ އިންތިހާބުގެ މާރާމާރީ: ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނިކޮށް ހިނގި ދެބަސްވުމެއްގައި، ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.ވަކި ޕާޓީއަކާއި ސްކޫލެއްގެ ނަން ނުބުނެ ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 9:15 ހާއިރު ބަޔަކު އެ ސްކޫލަށް ވަދެ، ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.ފުލުހުން ބުނީ އެ މައްސަލައިގައި މިރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި، އެތަނުގައި ހުރި ގޮނޑިތައް އުކައި، މާރާމާރީ ހިންގަން މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހުން ވެސް ކޮއްޕާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ