ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5ވަނަ ބުރުގެ އޮޑިޝަން ފަށައިފި

ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ 5ވަނަ ބުރުގެ އޮޑިޝަންތައް ފަށައިފިއެވެ. މި ބުރުގައި 80 ޒުވާން ޚަތީބުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ 5ވަނަ ބުރުގެ އޮޑިޝަންތައް މާލެ ސަރަޙައްދުގައި ކުރިއަށްގެންދާނީ މިމަހުގެ 12 އިން 20އަށްކަމަށެވެ. އަދި އަތޮޅުތެރޭގެ އޮޑިޝަންތައް މިމަހުގެ 15 އިން 20އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، 5ވަނަ ބުރުގެ މާލެ ސަރަޙައްދުގެ އޮޑިޝަންތައް މިހާރު ފަށާފައިވާއިރު، އިއްޔެ އެކަނިވެސް 22 ފަރާތަކުން އޮޑިޝަނުގައި ބައިވެރިވެފައިވާކަމަށެވެ.
ޚަތީބުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ 5ވަނަ ބުރުގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 30އަށެވެ. އަތޮޅުތަކުން ބައިވެރިވި ކުދިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން، މިބުރުގައި ބައިވެރިވުމަށް ހުޅުވާލީ މާލެ ސަރަޙައްދަށް 40 ކުދިން އަދި އަތޮޅުތަކުން 40 ކުދިންނަށްކަމަށެވެ. ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެނެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 4 ބުރެއް ކުރިއަށްގެންގޮސްފައިވެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒުވާން ޚަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދާފައެވެ. އެ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަތީބުން ތަމްރީންކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ