އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
ބައިތުލަހުމް ކައިރީގައި އޮންނަ އައިދާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 13 އަހަރުގެ އަބްދުއް ރަހްމާން އަބްދުﷲ ނަމަކަށްކިޔާ ކުއްޖެކެވެ.
ފަލަސްތީނު ފުލުހުންނާއި، އިމަޖެންސީ ފަރާތްތަކުން ބުނާގޮތުން އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އެކުއްޖާގެ މެޔަށެވެ. މިއީ، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ދެވަނަ މީހާއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭވެސް އިސްރާއީލުގެ އުދުވާނީ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ތުލްކަރަމްގައި ފަލަސްތީނުގެ 18 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.
ފަލަސްތީނުގެ ރަށްތަކަށް އަރައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ، އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގަމުންދާ މައްސަލާގައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، ފަލަސްތީނު ރައްޔިތުން ހިމާޔަތް ކޮށްދެއްވުމަށް އެދި އދގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫންއަށްވެސް ދަންނަވާފައެވެ.
އަނެއްކޮޅުން، އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން އާ އިންތިފާޟާއެއް ފެށިދާނެ ކަމަށް ބުނެ ޖަރުމަނުވިލާތުންވެސް މިއަދުވަނީ އިންޒާރު ކޮށްފައެވެ.
ޖަރުމަނު ޚާރިޖިއްޔާގެ ތަރުޖަމާނު މާޓިން ޝައެފަރ ވިދާޅުވީ، ފަލަސްތީނު ރައްޔިތުން އިންތިފާޟާއެއް ފެށުމަކީ އެއްވެސް ބަޔަކު ޝައުގުވެރިވާނޭ ކަމެއް ނޫން ކަމަށެވެ. "އެއީ އިސްރާއީލުގެ އެއްވެސް މީހަކުވެސް ބޭނުންވާނޭ ކަމެއް ނޫން. އެއީ، ފަލަސްތީނުގެ ސިޔާސީ އެއްވެސް ބޭފުޅަކުވެސް ބޭނުންފުޅުވާނޭ ކަމެއްނޫން" ޖަރުމަނު ޚާރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ވަޒަންވެރިންނަށް ފަލަސްތީނު ބަޔަކު ވަޅިން ހަމަލާދިން މައްސަލަ ޖަރުމަނުން ކުށްވެރި ކުރާކަމަށް ވިދާޅުވިއިރު، ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައްވެސް ކުށްވެރި ކުރާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ގުދުސްގެ މައްސަލާގައި ފެށުނު ދެކޮޅުވެރިކަން ފުޅާވެ، އިސްރާއީލުގެ ވަޒަންވެރިންނާއި ފަލަސްތީނުގެ ޒުވާނުންނާއި ދެމެދުވެސް ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މިކުރިމަތިލުންތަކުގެ ދަނޑިވަޅުގައި ފަލަސްތީނުގެ ބަޔަކު ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ހަތަރު މީހުން މަރުވުމާއި ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރުގެ އަމުރަށް، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ދަނީ ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ކެކިއަރަމުންނެވެ. ބަޑިން ހަމަލާ ދިނުމުގެ އިތުރަށް، ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރާއިރު، މިހާތަނަށް ފަލަސްތީނުގެ ދުއިސައްތަ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.
އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި، ފަލަސްތީނުގެ ޒުވާނުން ގެންދަނީ އިސްރާއީލުގެ ވަރުގަދަ ބާރުތަކާ ކުރިމަތިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ