ޕީޕީއެމުން ވެރިކަމަށް އައީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް އެ ކަންތައްތައް، މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު ވެސް ހާސިލް ވެފައި ނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެންް ވދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
އެބަޔާނުގައި, މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގައި ޒުވާނުންގެ ބޮޑު ހިއްސާއެއް ވެސް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން މަސްވެރިންނަށް އެތައް ވައުދުތަކެއް ވެފައިވާކަން މައުމޫން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމާއި މަސްނުބާނާ ދުވަސްވަރު ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާއި މަސްވެރި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ ބަނދަރުތަކެއް ހަދައިދިނުމާއި ހުއިފިލަނޑާ ފަދަ ބާވަތްތަކުގެ ވިޔަފާރި ފުޅާކުރުމަކީ ވެސް މި ސަރުކާރުން މަސްވެރިންނަށްޓަކައި ވި ވައުދެއްކަން މައުމޫން ފާހަގަކުރެއްވި އެވެ.
"މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ޕީޕީއެމްގެ ސަރުކާރަށް މިވަނީ ތިން އަހަރު ފުރިފަ އެވެ. ނަމަވެސް މެނިފެސްޓޯގައި މަސްވެރިންނަށްޓަކައި ކުރުމަށް ނިންމާފައިވާ ގިނަ ކަންތައްތައް ނުވެހުރުމަކީ، މި ސިނާއަތަށް ޕީޕީއެމްގެ މެންބަރުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ނުވުމެވެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން މި ސަރުކާރުން މަސްވެރިންނަށް ވައުދުވި ކަންތައްތައް އަވަހަށް ފުއްދައިދިނުމަށް ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
މަސްވެރިންނަށް ވައުދުވި ގިނަ ކަންތައްތަކެއް ނުކޮށްދެވޭ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ