ސިފައިން ލަންކާގެ ކަރަންޓް ސްޓޭޝަންތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށަނީ

ސިފައިން ސްރީލަންކާގެ ހުރިހާ ކަރަންޓް ސްޓޭޝަންތަކާއި އިލެކްޓްރިސިޓީ ބޯޑްގެ ހުރިހާ އިމާރާތެއްގެ ސެކިއުރިޓީ ބަލަހައްޓަން ނިންމައިފިއެވެ.
މިގޮތަށް އެޤައުމުގައި ނިންމާފައިވަނީ، ހަ މަސް ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މުޅި ސްރީލަންކާއިން ކަރަންޓް ކެނޑުމާއި ގުޅިގެން އެއީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް އެޤައުމުގެ ރައީސް މައިތިރިޕާލަ ސިރިސެނާ ސިފަ ކުރައްވާފައި ވަނިކޮށެވެ.
ސިރިސެނާ ވަނީ މިމޭރުމުން ވާހަކަ ދައްކަވަމުން ސިފައިން ކަރަންޓް ސްޓޭޝަންތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އަމުރު ކުރައްވާފައެވެ.
ސިރިސެނާ ވަނީ ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ އިމާރާތްތަކާއި، ސަބްސްޓޭޝަންތަކުގައި 24 ގަޑިއިރު ސަލާމަތީ ކަންތައް ބެލެހެއްޓުމަށް އަމުރު ކުރައްވާފައެވެ.
ބައެއް ރިޕޯޓްތަކުގައި ވާގޮތުގައި ސްރީލަންކާއިން ކަރަންޓް ކެނޑިފައިވަނީ ޓްރާންސްފޯމަރެއް ގައި އެއްޗެއް ގޮވުމުގެ ސަބަބުންނެވެ.
އިއްޔެ މެންދުރު ތިނެއް ޖަހާކަންހާއިރު ލަންކާއިން ކަރަންޓު ކެނޑުމާ ގުޅިގެން ފެނުގެ ހިދުމަތަށް ވެސް ކޮށްފައި ވެއެވެ.
ކަރަންޓްގެ މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން އެޤައުމުގެ ޑެޕިއުޓީ އެނާޖީ މިނިސްޓަރު އަޖީތު ޕެރޭރާ ވެސް ވަނީ އެ ކަމަކީ ބަޔަކު ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ޝައްކު އުފައްދާފައެވެ.
ލަންކާއިން މީގެ ކުރިން ފެބްރުއަރީ 25 ވަނަ ދުވަހު ކަރަންޓު ކެނޑުމާއި ގުޅިގެން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެކަން ތަހުގީގު ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީ އެއްވެސް އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ