ރައީސް ޔާމިނު އާއި އަފްރާޝީމް އަވަހާރަކޮށްލުމާއި އެއްވެސް ގުޅުމެއް ނެތް – އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އާއި އެއްވެސް ގުޅުމެއް އޮތް ކަމުގެ މައުލޫމާތެއް ތަޙްޤީޤަށް ލިބިފައި ނުވާ ކަމަށް އެހާދިސާ ހިނގިއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) އަބްދުﷲ ރިޔާޒް މިހެން ވިދާޅުވީ ޑރ.އަފްރާޝީމްގެ ގާތިލް ހުސެއިން ހުމާމް މަރަން ސުޕްރީމް ކޯޓުން ރޭ ޙުކުމް އިއްވުމުން މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުންނެވެ.
ވަގުތު ޖެހުނީމަ ޑރ.އަފްރާޝީމް މައްސަލައިގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވެފައި ވާތީ ޓްވިޓާގައި މީހަކު ރިޔާޒް ކުރެން "ވަގުތު ޖެހޭނީ ހުމާމް މެރީމަތޯ. މިއީ ބަހުސް ކުރަން ޖެހޭ ވަގުތު" ކަމަށާއި "ރިޔާޒް އަށް އަފްރާޝީމްގެ މަރުގެ ޚަބަރު ދިނީ ކާކު؟" ތޯ ސުވާލު ކުރުމުން އެއަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ "ޝަރީއަތް ނިމުނީމަ ވަގުތު ޖެހުނީ" ކަމަށެވެ.
އޭނާ އަށް ޑރ.އަފްރާޝީމްގެ މަރުގެ ޚަބަރު ލިބިވަޑައިގެންނެވީ ގޭގައި ނިދާފައި އޮއްވާ ޑިއުޓީ ފުލުހުން މައުލޫމާތު ދިނުމުން ކަމަށް ވެސް ރިޔާޒް އެޓްވީޓްގައި ވިދާޅުވިއެވެ.
މިއީ ހުމާމް ސަލާމަތް ކޮށްދިނުމަށް މަސައްކަތްކޮށް ވާހަކަދައްކަންވީ ވަގުތު ކަމަށް ބުނެ ރިޔާޒް އާއި ކުރީގެ ނައިބު ރައީސް އަދި ޑރ.އަފްރާޝީމް އަވަހާރަކޮށްލިއިރު ހޯމް މިނިސްޓަރ ކަމުގައި ހުންނެނވި ޑރ.މުހައްމަދު ޖަމީލް އަހްމަދު އާއި އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ޓެގް ކުރައްވާ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ރިޔާޒް ވިދާޅުވީ "ހުމާމް ދިފާއު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް" ނެތް ކަމަށެވެ.
ޑރ.އަފްރާޝީމްގެ ޕޯސްޓްމޯޓަމް ނުހަދާ އަވަސް އަރުވާލައިގެން ފަސްތާނުލި ސަބަބު ބަލަން އެބަޖެހޭ ކަަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވުމުން ރިޔާޒް ވަނީ މިއަދު އެކަމަށް ވެސް ޖަވާބުދާރީވެ ވަޑައިގެންފައެވެ. ރިޔާޒް ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަނީ މަރުވި ސަބަބު ދެނެގަތުމަށް ކަމަށެވެ. ފޮރެންސިކް ޓީމުން ބޭނުންވާ ހުރިހާ ތަހްލީލްތަކެއް ވެސް ކުރި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ޑރ.އަފްރާޝީމް އޮތީ އަވަހާރަކޮށްލުމަށް ފަހު އެއްލާލާފައިތޯ ނުވަތަ އަވަހާރަކޮށްލި ތަނުގައިތޯ އާއި އެކަމާއި ބެހޭ ގޮތުން ފޮރެންސިކް (ރިޕޯޓް) ގައި އޮތީ ކީކޭތޯ މީހަކު ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ "މަރުހޫމްގެ ހަށިގަނޑު އޮތީ ކުށުގެ ވެށީގައި" ކަމަށެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި މީހުންނާއި ބެހޭ ގޮތުން ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ އޭނާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަކިވެ ވަޑައިގެންނެވިއިރު ފުލުހުން ގެންދިޔައީ ފަންޑު ކުރި މީހުންގެ މައްސަލަ ބަލަމުން ކަމަށެވެ. އަދި ހުމާމްގެ އިތުރުން މިކަމުގައި ބައިވެރިވި މީހެއްގެ މައްސަލަ ވެސް ފުލުހުން ދިޔައީ އޭރު ބަލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލައިގައި ކަމާނުބެހޭ މީހުން ހައްޔަރުކުރީ ކީއްވެތޯ ރިޔާޒް އާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ "މައްސަލަ ތަޙުޤީޤު ހިންގީ ތަޙްޤީޤު ޓީމަކުން" ކަމަށާއި "ތުހުމަތައް ހައްޔަރުކުރި މީހުން ހައްޔަރުކުރީ ތަޙްޤީޤު ޓީމަށް ފެނިގެން ކޯޓު އަމުރުން" ކަމަށެވެ.
ހުމާމް ކުށަށް އިއުތިރާފްވެފައި ވަނީ ހަމައެކަނި ފުލުހުންގެ ތަޙްޤީޤުގައި ނޫން ކަމަށާއި ފަނޑިޔާރު ކުރިމަތީ ގައި ވެސް (އިއުތިރާފްވި) ކަމަށް ވިދާޅުވެ ރިޔާޒް އިތުރަށް ވިދާޅުވީ އަފްރާޝީމްގެ އާއިލާ ކިބައިން ހުމާމް މަޢާފަށް ވެސް އެދުނު ކަމަށެވެ.
ޑރ.އަފްރާޝީމް މައްސަލައިގެ ހުރިހާ ހަޤީޤަތެއް ކިޔައި ދިނުމަށް މީހަކު ރިޔާޒް ކުރެން ބުނުމުން ރިޔާޒް އެއަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޭނާ ދޮގު ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސުވާލެއް އޮތް ނަމަ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
ހުމާމް މަރަން ސުޕްރީމް ކޯޓުން ރޭ ޙުކުމް އިއްވިއިރު އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤު ނުނިމެނީސް ހުމާމް މަރަން ނުފެންނަ ކަމަށް ބުނެ އަފްރާޝީމްގެ ބައްޕަ އާއި އަފްރާޝީމްގެ ވާރިސަކު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް އެސިޓީ ކޯޓުން ބަލައި ނުގަތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ހުމާމް މަރަން ސުޕްރީމް ކޯޓުން ޙުކުމް ކުރި ނަމަވެސް މަރަން ޙުކުމް ކުރާ މީހުންގެ އަދަބު ތަންފީޒު ކުރުމާއި ބެހޭ ޤަވައިދު ބުނާ ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ވާރިސުންގެ ބަސް އިސްލާމިކް މިނިސްޓްރީން ހޯދަން ޖެހެއެވެ. އެންމެ ވާރިސަކު ވެސް ގާތިލަށް މަޢާފް ދީފި ނަމަ އޭނާ މަރުގެ ޙުކުމުން ސަލާމަތް ވާނެއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ 1953 ވަނަ އަހަރުގެ އޭޕްރިލް 07 ވަނަ ދުވަހުއެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހެދިކަމަށް ބުނާ ހަކީމް ދީދީ ކިޔާ މީހެއްގެ މައްޗަށެވެ.
ހުމާމްގެ މައްޗަށް މަރުގެ ޙުކުމް މިއިއްވީ ހަކީމް ދީދީ އަށް މަރުގެ އަދަބު ދިންތާ 63 އަހަރާއި ދެމަހާއި 17 ވަނަ އަށް ވީދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ