ޔަހޫދީ ދައުލަތާއި ލުބުނާނާ ދެމެދު އަމަލުކުރަމުންދާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު، އިތުރު ތިން ހަފުތާއަށް ދަންމައިލުމަށް ނިންމާފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. މި ކަން އިޢުލާނު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މީގެ އަށް ހަފުތާއެއްހާ ދުވަސް ކުރިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން "އެންމެ ފުރިހަމަ އެއްބަސްވުމެއް" އެކުލަވައިލުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.
ލުބްނާނާއި ޔަހޫދީ ފައުޖާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، ލުބްނާނުގެ ދެކުނުގައި ޔަހޫދީ ފައުޖުން އަދިވެސް ވަނީ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އަދި، ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުاللهގެ އަމާޒުތަކަށް ކަމުގައި ބުނެ، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކުރަމުންނެވެ.
ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އީރާނުން އެންމެ ފަހުން ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. ހުރްމުޒް ކަނޑުއޮޅިން ދަތުުރުކުރި ދެ އާގުބޯޓެއް އީރާނުގެ އަސްކަރިއްޔާއިން ހިފެހެއްޓުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް ވަނީ އުފުލެން ފަށާފައެވެ. މި ކަމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވަނީ، އެ ސަރަޙައްދުގައި މައިން ފަދަ ގޮވާތަކެތި ހަރުކުރަމުންދާ އީރާންގެ އަސްކަރީ އުޅަނދުތަކަށް ޙަމަލާދިނުމަށް އަމުރުކުރައްވާފައިވާނެ ކަން ހާމަކުރައްވާފައެވެ. އަދި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ނުކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ސަރުކާރާއި އިސްވާރުން ބައިބައިވެފައިވާ ކަމުގައި ޓްރަމްޕް ކުރެއްވި ތުހުމަތުތަކަށް، އީރާންގެ އެންމެ އިސް މުރުޝިދު އާޔަތުالله މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީ ވަނީ ރައްދުދެއްވާފައެވެ. އެމެރިކާގެ ޙަމަލާއެއްގައި އޭނާގެ ބައްޕާފުޅު ޝަހީދުކޮށްލިފަހުން އެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޚާމަނާޢީ ވިދާޅުވީ، "[އީރާންގެ ރައްޔިތުންގެ މެދުގައި] އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ ބަދަހިވާނެ. އަދި ދުޝްމަނުން ދާނީ ދުވަހެއް ދުވަހަކަށް ބަލިކަށިވެ، ނިކަމެތިވަމުން،" ކަމުގައެވެ.
އެމެރިކާގެ ޣައިރުޤާނޫނީ ހަނގުރާމައިގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކުރި ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ޤައުމުތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވޮޝިންގްޓަނުން ދަނީ ވިސްނަމުންނެވެ. އަދި، ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ވަނީ، އީރާނަށް އަލުން ޙަމަލާދޭން ފަށައި، ޚާމަނާޢީ ޝަހީދުކޮށްލައި، އެ ޤައުމު "އަނދިރި ޒަމާނަކަށް" ވައްޓައިލަން ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާއިން މި ކަމަށް ރުހުންދީފައެއް ނުވެއެވެ.
ފެބުރުވަރީ 28 ގައި ފެށި މި ހަނގުރާމައިގެ ތެރެއިން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ޙިޞާރުކުރުމާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި، ޔަހޫދީން ދަނީ ލުބްނާނުގެ ސަރުކާރާ ގުޅިގެން ޙިޒްބުالله ގެ ހަތިޔާރު އަތުލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ވޮޝިންގްޓަނުގައި ކުރިއަށްދިޔަ މަޝްވަރާތަކާއި އަމަލުކުރަމުންދާ އެއްބަސްވުންތަކުގައި ޙިޒްބުالله އިން ބައިވެރިވެފައި ނުވާކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ހަމަލާތައް މެދުކަނޑައިލި އެއްބަސްވުމުގެ މުއްދަތު ލުބްނާނާއި ޔަހޫދީން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ