ޑްރަގް ކޯޓަށް ވަކި ބަޖެޓެއް ނެތުމުން އެކަމުގެ ދަތިތައް ކުރިމަތިވެފައިވޭ: ޖުޑީޝަރީ

ޑްރަގް ކޯޓަށް ވަކި ބަޖެޓެއް ނެތުމުން އެކަމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށް ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން ބުނެފި އެވެ.
ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މާޖިދު ވިދާޅުވީ ޑްރަގް ކޯޓަށް ވަކިބަޖެޓެއް ހަމަޖެހިފައި ނުވާ ކަމަށާއި އެހެންކަމުން ދެން ޖެހޭނީ މި އަހަރު ބަޖެޓްގައި ޝަރުއީ ދާއިރާއަށް ހަމަޖައްސާފައިވާ ބަޖެޓް ރީ އެލޮކޭޓް ކުރުމަށް ފަހު އެތަނުން ޑްރަގް ކޯޓަށް ވަކި ބައެއް ހަމަޖައްސަން ކަމަށެވެ.
"ބަޖެޓްގެ ކަންތައްތަކުގައި އަޅުގަނޑުމެންނަށް މިހާރު މިއޮތް އޮޕްޝަނަކީ] ގޮތަކީ[ މުޅި ޝަރުއީ ދާއިރާއަށް 2012 ވަނަ އަހަރު ލިބިފައިވާ ބަޖެޓްގެ ތެރެއިން ޑްރަގް ކޯޓުގެ ކަންތައް ވެސް ކުރަމުން ގެންދިޔުން. ޝަރުއީ ދާއިރާއަށް ލިބިފައިވާ ބަޖެޓުން އިތުރު ކޯޓަކަށް ޚަރަދު ކުރަން ޖެހުނީމާ އެގޮތަށް ކުރެވޭނީ ޝަރުއީ ދާއިރާގެ އެހެނިހެން މަސައްކަތްތައް ކުރަން ހުރި ވަރަށް ގިނަ ފައިސާއެއް ރީ އެލޮކޭޓް ކޮށްގެން. އަޅުގަނޑުމެންނަށް އެކަމުގައި ދަތިތަކެއް އެބަ ދިމާވޭ،" މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓަކީ ކުރިއްސުރެ ވަކި ޕްރޮގްރާމްތަކަކަށް ރޭވިފައިވާ އެއްޗަކަށް ވުމުން ބަޖެޓްގެ ތެރެއިން އަނެއްކާ ވަކިބައެއް ޑްރަގް ކޯޓަށް ހަމަޖެއްސަން ޖެހުމަކީ ކުރިން ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތައް ހުއްޓާލަން ޖެހޭނެ ކަމެއް ކަމަށްވާތީ އެކަން ހައްލުކުރުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"އެ ބަޖެޓްގެ ތެރެއިން އަނެއްކާ ރީ އެލޮކޭޓް ކުރަން ޖެހިއްޖެ ނަމަ ކުރިއްސުރެ ކުރަން ހަމަޖެއްހިފައި ހުރި ކަންތައް ހުއްޓާލަން ޖެހޭނީ. އެކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި މިހާރުއްސުރެ ވާހަކަ ދައްކަމުން މިގެންދަނީ،" މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރަގް ކޯޓު ހިންގުމަށް، ކުރީގެ އެންސްޕާ ހިންގި އިމާރާތް މަރާމާތު ކުރުމަށްޓަކައި 1.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި ނަމަވެސް އެ ޚަރަދު ކުރުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއްވާތީ އެކަން ފުރިހަމަ ކުރުމަށް ޓަކައި މިހާރު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ޑްރަގް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ މަހާޒު އަލީ ޒާހިރު ވިދާޅުވީ ޑްރަގް ކޯޓުގެ އިދާރީ މަސައްކަތްތައް ކުރިން ޖުވެނައިލް ކޯޓު ހިންގި، މ. ފަންހިޔާ ބިލްޑިންގައި މިއަދު ފަށާފައިވާ ކަމަށާއި އިދާރީ މަސައްކަތްތައް ފަށާފައި ވަނީ 13 މުވައްޒަފުންނާ އެކު ކަމަށެވެ.
މަހާޒު ވިދާޅުވީ 13 މުވައްޒަފުންނާ އެކު އިދާރީ މަސައްކަތް މިއަދު ފެށި ނަމަވެސް ޑްރަގް ކޯޓަށް 40 ވަރަކަށް އިދާރީ މުވައްޒަފުން ބޭނުންވާ ކަމަށާއި އެކަން މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަކަމަށެވެ.
ޑްރަގް ކޯޓުގެ އިދާރީ މަސައްކަތް މިއަދު ފެށި އިރު އެ ކޯޓުގެ ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފަ އެވެ.
އޭނާ ވިދާޅުވީ ޑްރަގް ކޯޓުގެ ގާނޫނުގައިވާ ގޮތުން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައިވާ ޑްރަގް ކޯޓުގެ އިހުތިސޯސް ލިބިގެންވާ މައްސަލަތައް ޑްރަގް ކޯޓަށް ބަދަލުކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިމިގެންދާނެ ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރުން އުންމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑްރަގް ކޯޓުގެ މަސައްކަތް މިއަދު ފަށައިގަތް އިރު ޑްރަގް ކޯޓަށް ބޭނުންވާ އެކި އެކި ފޯމްތަކާއި ހިންގުމުގެ ދާއިރާގައި ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
"ޑްރަގް ކޯޓަށް ބޭނުންވާ އެކި އެކި ފޯމްތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ތަބާވުމަށް ބޭނުންވާ ހުރިހާ މެނުއަލްތަކާއި މިއެއްޗިހިތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އަދި ހަމައެހެންމެ ކޯޓު ރަންކުރާނެ]ހިންގާނެ[ ސްޓޭންޑޭޑް އޮޕަރަރޭޓިން ޕްރޮސީޖާތަކާއި މިދެންނެވި ހިންގުމުގެ ދާއިރާގައި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓައިފިން،" މަހާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ