ޕްރީ އޯޑާ ނަގައިގެން މޮބައިލް ފޯނު ވިއްކުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ފޯނަކަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން، ބަދަލުގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާއަށް ދައްކަން ސިވިލް ކޯޓުން މިއަދު ދިރާގު ގެ މައްޗަށް ހުކުމްކޮށްފި އެވެ.
އެމީހާ ޕްރީ އޯޑަރު ދީފައިވަނީ އައިފޯން އެސް އީ އަކަށެވެ. އަދި ފުރަތަމަ ޕޭމެންޓެއްގެ ގޮތުގައި 5800 އަށް ވުރެ ފިން ރުފިޔާ ވެސް ވަނީ ދައްކާފައެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކޯޓުން މިއަދު ހުކުމްކުރީ އެ މީހާ އަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމާއި ކުރިމަތިވި ލަދުވެތިކަމާއި، ތަކުލީފުތަކާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމުގެ ގޮތުން އެއް ލައްކަ ރުފިޔާ އެމީހާ އަށް ދިނުމަށެވެ.
އަދި މީގެ އިތުރުން ފުތަރަމަ ޕޭމެންޓެއްގެ ގޮތުގައި އެ މީހާ ދިރާގަށް ދެއްކި 5،800ރ. އާއި އެ މީހާ އަށް ފޯނު ނުލިބުމުން އޭނާ އެހެން ފޯނެއް ގަންނަން އޭނާ ޚަރަދުކުރި 4،500ރ. އާއި ވަކީލުންނަށް އެ މީހާ ހޭދަކުރި 50،000ރ. ވެސް ދިރާގުން އެ މީހާ އަށް ދިނުމަށް ހުކުމުގައި އަންގައިފަ ވެއެވެ.
"މީހުން ކުރިމަތީގައި ދައުވާކުރާ ފަރާތަށް ކުރިމަތިވި ލަދުވެތިކަމާއި ފުރައްސާރަ އާއި އެ މީހުންގެ ކުރިމަތީގައި އޭނާގެ މަގާމަށް އައި ބަދަލުގެ ސަބަބުން ނުވަތަ އަބުރަށް ލިބުނު ގެއްލުމާއި ޖަޒުބާތީ ގެއްލުމާ ކުރިމަތިވުމަކީ ދިރާގުގެ ސަބަބުން ދިމާވި ކަމެއް،" އެ ހުކުމުގައިވެ އެވެ.
ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނެތް ނަމަ ވަކީލުންގެ ފީ ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައި އޮތަސް މި މައްސަލާގެ މައްޗަށް ހައި ކޯޓުގެ އެ އުސޫލު ނުހިނގާނެ ކަމަށް ހުކުމުގައިވެ އެވެ. އޭގެ ސަބަބަކީ ހައި ކޯޓުގެ އެ އުސޫލަކީ އެއް ހަމައެއްގައި ތިބި ދެ ފަރާތެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެއް ކަމަށް ވީ ނަމަވެސް މި މައްސަލައަކީ ތަފާތު ދެ ހާލަތެއްގައި ތިބި ދެ ފަރާތެއްގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށްވާތީ ހުކުމުގައިވެ އެވެ.
ޕްރީ-އޯޑަރ ދިން ފޯނުނުދެވުމުން 160000 ރުފިޔާ ދިނުމަށް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ