އިޒްރޭލުގެ ވަޒަންވެރިން އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެތައް އަވަށަކަށް ހަމަލާދީ، ދެ މިސްކިތެއްގައި ރޯކޮށް އަދި ފާރުތަކުގައި ކުރެހުން ކުރަހައިގެން ގެއްލުންދީފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މި ހަމަލާތައް ދީފައިވަނީ ފަލަސްތީނުގެ ހަތަރު މީހުންނާއި އިޒްރޭލުގެ ދެ ސިފައިން މަރުވި ހަމަނުޖެހުންތަކަށް ފަހު އެވެ.
ގުސްރާ އަވަށުގެ ކައުންސިލް ރައީސް އަބްދުލް އަޒީމް ވާދީ ވިދާޅުވީ، ވަޒަންވެރިން ވަނީ އަލަށް އިމާރާތްކޮށް ނިންމި މިސްކިތެއްގައި ރޯކޮށްލާފަ އެވެ.
"އެ މީހުން އެ ތަނުގައި ރޯކޮށް، ފާރުތަކުގައި ހީބްރޫ ބަހުން ޝިއާރުތައް ލިޔެފައިވޭ،" އޭނާ ވިދާޅުވި އެވެ.
ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި "ޔަހޫދީންގެ ބަދަލުހިފުން" މި އިބާރާތް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅަނގު އައްސޭރި ބަލަހައްޓާ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ން ވަނީ މިއީ އިޒްރޭލު ސަރުކާރުގެ މަދަދާ އެކު ވަޒަންވެރިން ހިންގާ ޓެރަރިޒަމް ކަމަށް ސިފަކޮށް މިކަން ކުށްވެރިކޮށްފަ އެވެ. އަދި އަނިޔާވެރިކަން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ނިޒާމީ ގޮތެއްގައި ހިންގާ ގަތުލުއާންމުތަކަކަށް ބަދަލުވެފައި ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގުސްރާގައި ރޯކޮށްލުމާއި ކުރެހުންތައް ކުރަހާފައިވާ ކަމުގެ ހެކި ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އަޅުކަންކުރާ ތަންތަނަށް ގެއްލުންދިނުން ހިމެނޭހެން، މިފަދަ ހާދިސާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ، ސަލާމަތީ ބާރުތަކުން ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
މި ހަމަލާތައް ދީފައިވަނީ ތަލް އަވަށުގެ ކައިރީގައި ހުކުރު ދުވަހު ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކަށް ފަހު އެވެ. މިއާ އެކު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި ބޮޑު ސަލާމަތީ އޮޕަރޭޝަނެއް ހިންގުމަށް އަމުރުކުރައްވާފަ އެވެ.
އިޒްރޭލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ހަމަލާދީ، މިސްކިތްތަކުގައި ރޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ