އީރާނާއި އެމެރިކާ އާއި ދެމެދު ސުލްހަ ގާއިމުކުރެވޭނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުން ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ޚާމަނާއީ މިހެން ވިދާޅުވީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި، "އިސްތިއުމާރީ އެމެރިކާއިން އީރާނުގެ މައްޗަށް މަޖުބޫރުކޮށްފައިވާ ހަނގުރާމަ ނިންމުމަށްޓަކައި ވެވޭ ކޮންމެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުތަކީ، ލުބުނާނުގެ ސަރަހައްދީ އިން ހިމާޔަތްކުރުމާއި، ޒަޔަނިސްޓް ރެޖީމުން ހިންގާ އުދުވާންތައް އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލުން" ކަމަށް އީރާނުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ޚާމަނާއީ ވަނީ ލުބުނާނުގެ ހިޒްބުالله ޖަމާއަތަށާއި، އެ ޖަމާއަތުގެ ކުރީގެ ލީޑަރު ހަސަން ނަސްރުالله އަށާއި، އިސްރާއީލްގެ ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވާ ދެކުނު ލުބުނާނުގެ ރައްޔިތުންނަށް ތާއީދުކުރައްވާކަން ސިލްސިލާ ޕޯސްޓްތަކެއްގައި ހާމަކުރައްވާފައެވެ.
"މި އަނިޔާލިބެމުންދާ ނަމަވެސް ބާރުގަދަ މުޖާހިދުން [ހިޒްބުالله] ދިފާއުކުރުމަކީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ސްޓްރެޓީޖިކް ޒިންމާއެއް ކަމަށް ދެކެން،" ޚާމަނާއީ ވިދާޅުވިއެވެ.
ޚާމަނާއީ މިފަދަ ބަހެއް ވިދާޅުވެފައި މިވަނީ، ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކާއި އީރާނާއި އެމެރިކާއާ ދެމެދު އަލުން ޑިޕްލޮމެޓިކް ގުޅުންތައް ފެށިފައިވާ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއެކު ކުރާ ހަނގުރާމަ ނިންމުމުގެ ޝަރުތެއްގެ ގޮތުން އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލަންޖެހޭނެ ކަމަށް އީރާނުން ކުރިން ވެސް އައީ ބުނަމުންނެވެ. އަދި މިދިޔަ ޖޫން މަހު އެމެރިކާއާއިއެކު ސޮއިކުރި ފަހުމުނާމާގެ ފުރަތަމަ މާއްދާގައިވެސް މި ޝަރުތު ވަނީ ހިމަނާފައެވެ.
ލުބުނާނު މި ހަނގުރާމައިގެ ތެރެއަށް ވަނީ މިދިޔަ މާރިޗު މަހު ހިޒްބުالله އިން އިސްރާއީލްގެ އުތުރަށް ހަމަލާދޭން ފެށުމުންނެވެ. ހިޒްބުالله އިން ބުނާ ގޮތުގައި އެ ހަމަލާތަކަކީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އޭރުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލުބުނާނުގެ ބިމަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެކެވެ. ހިޒްބުالله އިން ބުނާ ގޮތުގައި އެ ހަމަލާތަކަކީ 2024 ވަނަ އަހަރު ކުރިން ހިނގި ކުރިމަތިލުންތައް ނިންމުމަށް އެއްބަސްވި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު އަމަލުތަކެކެވެ.
ޖޫން 26 ގައި އެމެރިކާ-އީރާނު ފަހުމުނާމާގައި ސޮއިކުރުމަށްފަހު، ލުބުނާނާއި އިސްރާއީލުން ވަނީ އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފިޔަވަހިތަކަކަށް ބަހާލައިގެން ފޭބުމަށް ކަނޑައަޅާފައިވީ ނަމަވެސް، އެކަމަށް ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެއްބަސްވުމުގައި ވަނީ އިސްރާއީލުން އެ ބިންތަކުން ފައިބާނީ ހިޒްބުالله ގެ ހަތިޔާރު އަތުލެވުމުން ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއީލުން ތިން "ޕައިލެޓް ޒޯން" އަކުން ފައިބަން ޖެހުނު ނަމަވެސް، ލުބުނާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނީ އިސްރާއީލް ސިފައިން އެކަމަށް ހުރަސް އަޅަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުން ފޭބުމަށް ދެކޮޅު ހެދުން ހިމެނޭ ކަމަށެވެ.
އާދީއްތަ ދުވަހާ ހަމައަށްވެސް، އިސްރާއީލުން ދިޔައީ ދެކުނު ލުބުނާނުގެ ބޮޑު ސަރަހައްދެއްގައި ބުލްޑޯޒަރު ބޭނުންކޮށްގެން ތަންތަން ސުންނާފަތިކޮށް، ބޮން އަޅައި، މެޝިން ބަޑިން ހަމަލާދީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ލުބުނާނުގައި މިފަހުން ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 4,329 މީހުން މަރުވެފައިވާއިރު، އިސްރާއީލްގެ 37 ސިފައިންނާއި 4 އާންމުން ވަނީ މަރުވެފައެވެ.
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން ބުނާ ގޮތުގައި، އިސްރާއީލުން ވަނީ މީގެ ކުރިން ހިޒްބުالله އާއެކު ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ 10,000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައެވެ.
މުޖުތަބާ ޚާމަނާއީ އަކީ ކުރީގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. އޭނާ އެންމެ މަތީ ވެރިޔާގެ މަގާމަށް ހޮވުނީ އެމެރިކާއާއި އިސްރާއީލުން އޭނާގެ ބައްޕަ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ލުބުނާނާ ބެހޭގޮތުން މުޖުތަބާ ޚާމަނާއީ ނެރުއްވި ބަޔާން މި އައީ، ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހަމަލާތަކެއް ބަދަލުކުރެވެމުންދާ ކަމުގެ ރިޕޯޓުތަކާއެކު، ޔަމަނަށް ހަނގުރާމަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން ހުއްޓާލުމަކީ އެމެރިކާއާއި އީރާން ސުލްހަވުމުގެ ޝަރުތެއް - ޚާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ