އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އަދި އަސާސީ ހައްގަކީ މިނިވަންކަމުގެ އިހުސާސް ކުރެވުމެވެ. މިނިވަންކަމަކީ ހަމައެކަނި ބަންދުވެފައިވާ ހަތަރުފާރުގެ ގޮޅިއަކުން ނުކުމެ އުޅުމެއް ނޫނެވެ. އެއީ ބިރުވެރިކަމެއް ނެތި ހިޔާލު ފާޅުކުރުމާއި، މަސައްކަތް ކުރުމާއި، ގާނޫނީ ރައްކާތެރިކަން އެންމެންނަށް ހަމަހަމައަށް ލިބިގެންވުމުގެ އިހުސާސް ކުރެވުމެވެ.
ގައުމެއްގައި މިނިވަންކަން އޮތް މިންވަރު ދެނެގަނެވެނީ ގާނޫނުގެ ހުކޫމަތާއި، ހިޔާލުފާޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމާއި، އަދި ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމުގެ މައްޗަށެވެ. ނަމަވެސް، ރާއްޖޭގެ މިހާރުގެ ހާލަތުން ފެންނަނީ މިއިން ކޮންމެ މިންގަނޑަކުންވެސް ގައުމު ފަހަތަށްދާ މަންޒަރެކެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަސް އަހަރެމެން އެންމެން ފާހަގަކުރާއިރު، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އަދި ޝަރުއީ ނިޒާމު އެންމެ ފުޅާ މިނުގައި "މިނިވަންކޮށްދީފައިވާ" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ދައުވާ ކުރައްވާފަ އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާމިނުގައި ވާނީ ޔަގީންކޮށްދީފައި. ނޫސްވެރިކަމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާމިނުގައި ވާނީ ކަށަވަރުކޮށްދީފައި،" މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކައިގައި ނޫސްތަކަށް ދޭ ފައިސާއާއި މީޑިއާ ވިލެޖުގެ ފަދަ މާއްދީ ލުއިތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރުގެ އަމަލުތަކުން ފެންނަނީ ނޫސްވެރިންނާ މެދު އަޅަމުންދާ އަނިޔާވެރި، ގާނޫނާ ހިލާފު ފިޔަވަޅުތަކެވެ.
މިފަދަ މުނާސަބަތެއްގައި ހަނދާނަށް ގެންނަން އެންމެ މުހިންމު ކަމަކީ މުޅި އާލަމުގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން މިދިޔަ މެއި މަހު ނެރެފައިވާ ގެގް އޯޑަރެވެ. ތިލަކޮށް ބުނާނަމަ، މި އޯޑަރުގެ ފަހަތުގައި އޮތީ ސިޔާސީ ބާރުގެ ބޭނުންކޮށްގެން ހަގީގަތް އޮޅުވާލުމުގެ ނިޔަތެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް، ރައީސް އޮފީހުގައި އުޅުނު އަންހެން މުވައްޒަފަކު ކުރި ސީރިއަސް ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނުގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމަށް މިނިވަން ތަހުގީގެއް ހިންގުމުގެ ފުރުސަތެއް ނުދެއްވި އެވެ. ސަރުކާރުގެ މުށުތެރޭގައި ހުރި އެއްވެސް މުއައްސަސާއަކުން އެ މައްސަލައެއް ނުބެލި އެވެ. އެމަނިކުފާނު އެފަދަ ތަހުގީގެއް ކުރައްވަން ބޭނުންވި ނަމަ އޮންނާނީ ކުރެވިފަ އެވެ.
އޭގެ ބަދަލުގައި، އެ ވާހަކަ ދެއްކުން ހުއްޓުވުމަށް ގެގް އޯޑަރު ނެރެ، އެކަމާ ގުޅޭގޮތުން ސުވާލެއް ކުރިޔަސް ނުވަތަ ހަބަރެއް ލިޔުނަސް އަދަބުދީ، ޖަލަށްލި އެވެ. އަދި އެ އަންހެން މުވައްޒަފުގެ ވާހަކަތަކުގެ މައްޗަށް 'އަދަދު' ނޫހުން ތައްޔާރުކުރި 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލަ ބަލަން އޮތް އިޖުރާއަތުގެ ބޭރުން، 'އަދަދު' ނޫހުގެ މުދާ އަތުލައި، ނޫސް ހުއްޓުވާލުމަށް ދެ ނޫސްވެރިޔަކު ޖަލަށްލައި ދެ ނޫސްވެރިޔަކަށް ގަޒުފްގެ ދައުވާކުރި އެވެ.
ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ ތަހުގީގެއް ނުކޮށް އަދި އަދުލުވެރި ޝަރީއަތެއް ނުހިންގައި، ޖަލަށް ލީ 'އަދަދު' ނޫހުގެ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު އެވެ. ޝަހުޒާން 15 ދުވަހަށް، އަދި ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން އެ ދެ ނޫސްވެރިން ބޮޑު ޖޫރިމަނާއެއް ކުރި އެވެ. އެ މައްސަލަ ކޯޓަށް ފޮނުއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް އެވެ.
އަހަރެން ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލުކޮށް، އިންސާފުން ބޭރުން ކަންކަން ހިންގަވާތީ ހިތްހަމަނުޖެހުން ފާޅުކުރީމެވެ. ގެގް އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުން އައިޝާ ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކައެއް ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް ނުދެއްކެ އެވެ. ނަމަވެސް އައްބާސް އަށް އަދި ކްރިމިނަލް ކޯޓަކަށް ވެސް، ރައީސް މުއިއްޒަކަށް ވެސް އެކަމެއް ނުފެނުނެވެ. ދެއްކި އެ ވާހަކަތަކުގެ އަޑެއް ނީވުނެވެ. އެހެންވެ، އަދަދު ނޫހާ ދެކޮޅަށް ހިންގި އަދި ހިންގަމުންދާ މައްސަލަތަކީ ސީދާ ސިޔާސީ ބޭނުމުގައި ކުރަމުންދާ ކަންކަމެވެ.
ނޫސްވެރިކަމަކީ ގާނޫނީ އިމްތިޔާޒު ލިބިގެންވާ ދާއިރާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތެއް އޮތްނަމަ، އެ ތުހުމަތުގެ ތެދުދޮގު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ޝަހުޒާން އުފުލީ އެ ޒިންމާ އެވެ. ޝަހުޒާން ސުވާލު ކުރީ، ދަންވަރުގެ ގަޑިތަކާއެކު އެކި ގަޑިތަކުގައި ގުޅުއްވާފައިވާ 58 ކޯލެއްގެ ތަފްސީލު ދައްކަމުންނެވެ. އެއީ ކުށަކަށްވާންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތެވެ.
ރައީސް މުއިއްޒަށް އަމާޒުވި ޖިންސީ ކުށުގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ކޯޓު އަމުރަކާ ހިލާފުވެފައިވާ ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލައިފިއެވެ. ރައީސްގެ އެންގެވުމަށް ސިފައިން ބޭނުންކޮށްގެން ނޫސްވެރިޔާ ނެރުނީ، އެމަނިކުފާނާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން ކޯޓުން މަނާކޮށްފައި ވަނިކޮށް އެކަމާ ގުޅޭ ސުވާލު ކުރުމުންނެވެ.
ލީވާން ލިޔުނީ ގެގް އޯޑަރު ނެރުނު ހަބަރެވެ. އެ ހަބަރު ރާއްޖޭގެ ހުރިހާ ނޫސްތަކެއްގައި ވެސް ލިޔުނެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލަކަށް އެހެން ބަޔަކު ނުފެނުނެވެ. ފާޅުގައި ގެގް އޯޑަރަށް ގޮންޖެހި އެހެން މީހުންނެއް ވެސް ނުފެނުނެވެ.
ޝަހުޒާންގެ ސުވާލާ ގުޅިގެން އޭނާ ޖަލަށްލުމުގެ އިތުރުން މުޅި 'އަދަދު' ނޫސް ރައީސް އޮފީހަށް ވަނުން މަނާކުރި އެވެ. ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް 'އަދަދު' ނޫހަށް ދައުވަތު ދިނުން ހުއްޓައިލި އެވެ. ނަމަވެސް އެއީ ރަސްމީކޮށް ސިޓީއަކުން އެންގި ފިޔަވަޅެއްވެސް ނޫނެވެ. ހަމައެކަނި ލިޔެލީ މީޑިއާ ގްރޫޕެއްގަ އެވެ.
ރައީސް އޮފީހުން އެޅީ ގާނޫނީ ފިޔަވަޅެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ، ގާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިދާރީ ފިޔަވަޅެއް ވިޔަސް އެކަން އަންގަންޖެހެނީ ލިޔުމުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައި އޮތީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.
އެ ފިޔަވަޅު ލިޔުމުން ހޯދަން މެއި 18 ވަނަ ދުވަހު ފޮނުވި ސިޓީއަށް އަދިއަދަށް ވެސް މުއިއްޒު ޖަވާބެއް ނުދެއްވައި އަހަރެންނާއި އަދަދު ނޫހުގެ ނޫސްވެރިންގެ ހައްގުތަކަށް އެ ހުންނެވީ އަރައިގަނެގެންނެވެ. ހުރަސް އަޅުއްވައިެގެން އެ ހުންނެވީ އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތަށެވެ.
މިނިވަންކަމުގެ ދުވަސް އަހަރެމެންނާ މި ބައްދަލުކުރީ ނޫސްވެރިކަމުގެ މިނިވަންކަމެއް، ސުވާލުކުރުމުގެ ފުރުސަތެއް، ރިޕޯޓްކުރުމުގެ ހައްގެއް އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމެއް ނެތް ނާމާން ދަނޑިވަޅެއްގަ އެވެ. ސުވާލު ކުރުމުން ޖަލަށް ލުމުގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ވެސް މައުލޫމާތެއް ނުދެ އެވެ.
ރައީސް މުއިއްޒުގެ ތުހުމަތުތަކަކާ ގުޅޭ ޑޮކިއުމެންޓަރީއެއް އާންމުކުރުމުން "އަދަދު" ނޫހުގެ އޮފީސް ފުލުހުން ރެއިޑުކޮށް، އެތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހަކު ޓޭޒާ ބަޑި ގެންގުޅުމުގެ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މި ރެއިޑު ކުރިއަށް ގެންގޮސްފައިވަނީ އެ މައްސަލަ ތަހުގީގު ކުރަން ރައީސް އެންގެވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
އަދަދު ނޫހާމެދު ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކަކީ ހަމައެކަނި ވަކި ނޫހަކަށް ދެވޭ ހަމަލާއެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންނަށް ތެދު މައުލޫމާތު ލިބުމުގެ ހައްގަށް އަރައިގަނެ، މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ބިރުވެރިކަން ވައްދައި "ސެލްފް-ސެންސަޝިޕް" ނުވަތަ އަމިއްލައަށް އަނގަބަންދުކުރަން މަޖުބޫރުކުރުވާ އަނިޔާވެރި އަމަލެކެވެ.
ޖުޑީޝަރީ މިނިވަންކުރި ކަމަށް މުއިއްޒު ވިދާޅުވާއިރު، ސިޔާސީ ބޭނުމުގައި ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން އަވަސް އަރުވާލައިގެން ނެރޭ ހުކުމްތަކާއި، ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތައް މަނާކުރުމަކީ ޑިމޮކްރަސީއެއްގެ ސިފައެއް ނޫނެވެ. މިއީ ސަރުކާރުގެ ނުފޫޒާއި އަނިޔާވެރިކަން މުޅި ނިޒާމުގެ ތެރެއަށް ވަދެފައިވާ މިންވަރު ހާމަކޮށްދޭ ސާފު ހެކިތަކެވެ.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިންނަށް އެ އޮފީހުގެ ޕްރެސްތަކަށް ނުވަދެވޭ ގޮތަށް މަނާކުރިތާ ދެ މަސް ދުވަސް ވެއްޖެ. މި ފިޔަވަޅާ ގުޅޭގޮތުން އެ ނޫހުން ފޮނުވި ސިޓީއަށް ރައީސް އޮފީހުން ޖަވާބު ނުދޭތީ، ގާނޫނީ ފިޔަވަޅު އެޅުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ނޫހުން ބުނޭ.
މިނިވަންކަމަކީ ހަމައެކަނި ލިޔެވިފައިވާ ގާނޫނުތަކަކާއި، ޖަލްސާތަކުގައި ދައްކާ ފަށުވި ވާހަކަތަކެއް ނޫނެވެ. ހަގީގީ މިނިވަންކަމަކީ ބިރުވެރިކަމެއް ނެތި ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރެވޭނެ މާހައުލެއް އޮތުމެވެ. މިނިވަން ދުވަސް ފާހަގަކުރާއިރު، އިވޭ ރަސްމީ އުއްމީދީ ވާހަކަތަކަށްވުރެ، ބިރުވެރިކަމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމާއި ހައްގުތަކުގެ ހަގީގީ ހާލަތާމެދު ފުންކޮށް ވިސްނާލަންޖެހެ އެވެ. މިނިވަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި މިފަދަ ބިރުވެރިކަމަކަށް ޖާގައެއް އޮވެގެން ނުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރެވޭ ކޮންމެ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެވޭނެ އެވެ. އެކަން މަނާކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތެވެ. އެކަން މަނާކުރަން ކުރާ ކަންކަން ގާނޫނާ ހިލާފެވެ.
މިނިވަންކަމުގެ ނަމުގައި ބިރުވެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ