ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އެކްޓިވްކޮށް ހުއްޓިފައިވާ އެ ޖަމިއްޔާގެ ބައްދަލުވުންތައް އަލުން ފެށުމަށް ދިވެހިރާއްޖެއިން މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ. ރައީސް މި ހުށަހެޅުއްވުން ހުށަހެޅުއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ތަގުރީރުގައެވެ.
ރައީސްގެ ވާހަކަފުޅުތައް ރިޕޯޓްކުރި ބައިނަލްއަގުވާމީ މީޑިއާތަކުގެ ތެރޭގައި "އިންޑިއާ ޓުޑޭ" ހިމެނެއެވެ. އެ ނޫހުން ފާހަގަކޮށްފައިވަނީ، ގާތްގަނޑަކަށް ދިހަ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސާކްގެ ބައްދަލުވުންތައް އަލުން ފެށުމަށް އެހީތެރިވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅެވެ. ސާކަކީ ސަރަހައްދީ މުހިންމު ޖަމިއްޔާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި ކަމަށާއި، ދެކުނު އޭޝިއާގެ ސުލްހަޔާއި ހަމަޖެހުމަށްޓަކައި މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާތައް އަލުން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި މަޝްވަރާގެ މޭޒަށް އެނބުރި އައުމުގައި މެންބަރު ގައުމުތަކަށް ދަތިތަކެއް ކުރިމަތިވާނަމަ، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުންވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
"ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން ވެސް ރައީސްގެ ވާހަކަފުޅަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވެއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސާކް އެކްޓިވޭޓް ކުރުމުގައި އިސް ދައުރެއް އަދާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށެވެ. މެންބަރު ގައުމުތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމާއި، ސަރަހައްދީ ސުލްހަޔާއި އެއްބާރުލުން ދެމެހެއްޓުމަށް ސާކްގެ ބައްދަލުވުންތައް އަލުން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަން އެ ނޫހުން ފާހަގަކުރިއެވެ.
މީގެ އިތުރުން، "ކޯޕަރޭޓް މޯލްޑިވްސް" އިން ވަނީ ރައީސްގެ މި ހުށަހެޅުއްވުމުގެ މުހިންމުކަމާ ބެހޭ ދިރާސާ ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި، ސާކްގެ މަސައްކަތް ފެށުމަށް މަގުފަހިކޮށްދިނުމަށް ރާއްޖެއިން ދައްކާފައިވާ ޝައުގުވެރިކަމުގެ ސަބަބުން، ދެކުނު އޭޝިއާގެ މައި ސިޔާސީ ފޯރަމް ދިހަ އަހަރަށްވުރެ ގިނަ ދުވަހު ހުއްޓިފައި އޮތް ދަނޑިވަޅެއްގައި، ރާއްޖެއަކީ ސަރަހައްދީ ގައުމުތައް އެއްކުރާ މަރުކަޒަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.
2014 ވަނަ އަހަރު ކަތުމަންޑޫގައި ބޭއްވި 18 ވަނަ ސާކް ސަމިޓަށްފަހު ސާކްގެ ސަމިޓެއް ބާއްވާފައެއް ނުވެއެވެ. 2016 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި ސަމިޓް ކެންސަލްވީ އިންޑިއާ އާއި އިތުރު ބައެއް މެންބަރު ގައުމުތަކުން ބައިވެރިވާން އިންކާރު ކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ސަމިޓް ފެންވަރުގެ ބައްދަލުވުންތައް ވަނީ މެދުކެނޑިފައެވެ.
ސާކްގެ މަސައްކަތް އަލުން ފެށުމަށް ރައީސް ގޮވާލެއްވި ގޮވާލެއްވުމަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ