ދީޕިކާ ދޫކޮށްލި، ޑައިރެކްޓަރު ސަންދީޕްގެ ފިލްމުގެ ރޯލެއް ކެޓްރީނާއަށް
ފިލްމު "ކަބީރު ސިންގް" އަދި "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް"ގެ ރޯލެއް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ޕްރަބާސް އަދި ބޮލީވުޑްގެ ޒުވާން ބަތަލާ ތުރިޕްތީ ދިމްރީއާ އެކު މިހާރު މަސައްކަތް ކުރިއަށްދާ "ސްޕިރިޓް"ގެ ޓީމުން ކެޓްރީނާއަށް ހުށަހަޅާފައިވަނީ ކުރިން ބަތަލާ ދިޕީކާ ޕަދުކޯންއަށް ހުށަހެޅި ރޯލް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނު ނަމަވެސް، ފިލްމުގެ އުފެއްދުންތެރިން ނުވަތަ ކެޓްރީނާގެ ފަރާތުން އަދި ރަސްމީ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. ކެޓްރީނާ މި ފިލްމާ ގުޅިއްޖެ ނަމަ، މިއީ "މައްލިސްވަރީ" އަދި "އައްލާރީ ޕިޑުގޫ"އަށް ފަހު، ގާތްގަނޑަކަށް 20 އަހަރު ފަހުން އޭނާ ތެލެގޫ ސިނަމާއަށް އެނބުރި އަންނަ ފުރަތަމަ ފިލްމަށްވާނެއެވެ. ފިލްމު "ސްޕިރިޓް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ--ފޮޓޯ/އިންޑިއާޓުޑޭ ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ސްޕިރިޓް"ގެ ޓީމުން މަސައްކަތް ކުރަމުންދަނީ ކެޓްރީނާ ކައިފްއަށް ޚާއްސަ ރޯލެއް ދިނުމަށެވެ. ފިލްމުގައި އޭނާ ފެންނަ ވަގުތު ކުރުވި ނަމަވެސް، އެއީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިންމު ދަނޑިވަޅެއްގައި ފެންނަ، ވަރުގަދަ ކެރެކްޓައެއް ކަމަށް ބުނެވެއެވެ. ސަންދީޕްގެ ފިލްމު "ސްޕިރިޓް"ގެ ރޯލަކަށް ކެޓްރީނާ ގެންނަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު ދާދިފަހުން އަލަތު ދަރިފުޅު ލިބުނު ބަތަލާ ވަނީ ވިހެއުމަށްފަހު ފިލްމީ މަސައްކަތްތަކަށް ނުކުންނަން ވިސްނަމުންދާ ކަމަށާއި މިހާރު ލިބިފައިވާ ބައެއް ފިލްމީ ޕްރޮޖެކްޓްތަކުގެ ސްކްރިޕްޓްތައް މުތާލިއާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ "ދަ ހޮލީވުޑް ރިޕޯޓް އިންޑިއާ"އިން ހާމަކޮށްފައިވާ ގޮތުގައި، ބަތަލާ ދީޕިކާ ފިލްމުން ވަކިކުރީ އޭނާ ހުށަހެޅި ޝަރުތުތަކާ މެދު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހިތްހަމަނުޖެހުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދީޕިކާ ވަނީ އުޖޫރައިގެ ގޮތުގައި 40 ކްރޯޑް ރުޕީސްގެ އިތުރުން ފިލްމުގެ ފައިދާއިން ބައެއް ހޯދުމަށް އެދިފައެވެ. އޭގެ އިތުރުން، ދުވާލަކު މަސައްކަތް ކުރާނީ ހަ ގަޑިއިރު ކަމަށާއި، ތެލެގޫ ބަހުން ޑައިލޮގްތައް ކިޔަން ބޭނުންނުވާ ކަމަށްވެސް ބަތަލާ ޝަރުތުކުރި ކަމަށް މައުލޫމާތު ލިބެއެވެ. މި ފިލްމަކީ ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅެ، ބޮޑު އާމްދަނީއެއް ލިބުނު "އެނިމަލް"އަށް ފަހު ވަންގާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ