މާދަމާގެ ބޮޑު ހަނދާ އެކު އުދަ އެރުމުގެ ފުރުސަތު ބޮޑު!

އިއްޔެ ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދަ އަރައި ގެއްލުންތަކެއް ވެފައި ވާއިރު މާދަމާ އާއި އޭގެ އަނެއް ދުވަހު އުދައިގެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވިއްޖެ އެވެ. 
މާދަމާ އާއި ބުދަ ދުވަހު އުދައިގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވެނީ މާދަމާ އަކީ ހަނދު ފުރިހަމަވާ [ފުލް މޫން] ދުވަސް ކަމަށް ވެފައި އާންމުކޮށް ހަނދު ދައުރުވާ ވަރަށް ވުރެ ދުނިޔެއާ ކައިރިން ދައުރު ކުރާނެތީ އެވެ. މާދަމާ ހަނދު ފެންނަ ވަރު އާންމުކޮށް ފެންނަ ފުރިހަމަ ހަނދަކަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ އެވެ. "ބަކް މޫން" ގެ ނަން ދީފައިވާ މި ބަދަލާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި މާދަމާގެ ހަނދަށް ވަނީ ސަމާލުކަން ލިބިފަ އެވެ.
އެހެންވެ މި މަހުގެ ހަނދު ފުރިހަމަވާ އިރު، ހަނދާއި ދުނިޔޭގެ ދުރުމިން އާންމު މިންވަރަށް ވުރެ ކައިރިވުމުގެ ސަބަބުންނާއި ހުޅަނގު މޫސުމުގެ ވައި ބާރުވުމުގެ ސަބަބުން މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބެލެވެނީ އެވެ. ނަމަވެސް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އަދި މިކަމުގައި އެއްޗެއް ނުބުނެ އެވެ. 
އެކަމަކު އިއްޔެ އުދަ އަރައި ގެއްލުންވީ ފަހުން ރޭ 10:00 އިން ދަންވަރު 2:30 އާ ދެމެދު ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމުގެ އެލާޓެއް ނެރުނެވެ.
މާލެ ސަރަހައްދުގެ ކަނޑުގެ ލެވެލް ހުރި ގޮތަށް ބަލާއިރު، އިއްޔެ އާއި މިއަދަށް ވުރެ ބުދަ ދުވަހުގެ މެންދުރުފަހު ދިޔަވަރު މާ ބޮޑަށް އުފުލޭނެ އެވެ.
ހުޅަނގުގެ ވަައި ގަޑިއަކު 30 މޭލަށް ބާރުވެ، ކަނޑުގެ ރާޅުތަކުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ވެސް ބައެއް މޮޑެލްތަކުން ދައްކަ އެވެ. މި ބާރުގަދަ ރާޅުތަކާއި ބޮޑުދިޔަ އެއްވަގުތެއްގައި ދިމާވުމުން، ބުދަ ދުވަހުގެ މެންދުރު 1:00 އިން ހަވީރު 2:30 އާ ދެމެދަކީ އުދަ އެރުމުގެ ފުރުސަތު އެންމެ ބޮޑުވާނެ ވަގުތެވެ.
މި މަހުގެ ބޮޑު ހަނދު (ބަކް މޫން) ދުނިޔެއާ ގާތްގަނޑަކަށް 364,915 ކިލޯމީޓަރު ކައިރިއަށް އަންނާތީ، ހަނދުގެ ގްރެވިޓޭޝަނަލް ޕުލް (ދަމާ ބާރު) ގަދަވެ، ކަނޑުގެ ލެވެލް އާންމުކޮށް ހުންނަ ވަރަށް ވުރެ ބޮޑަށް އުފުލެނީ އެވެ. މީގެ އިތުރުން ހަނދު ފުރިހަމަވާ ދުވަހު އިރާއި، ދުނިޔެ އަދި ހަނދު އެއް ރޮނގަކަށް ތަރުތީބުވުމުން އުފެދޭ "ސްޕްރިންގް ޓައިޑް" ގެ ސަބަބުން ދިޔަވަރު ބޮޑުވާ މިންވަރު އިތުރުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ