އާރުޓީއައިގެ ދަށުން މަޝްރޫއުތަކުގެ ތަފްސީލު ނުދީ، 590 މަޝްރޫއު ނިމިފައިވާ ކަމަށް މުއިއްޒު ވިދާާޅުވެއްޖެ

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު (އާރުޓީއައި ގާނޫނު) ގެ ދަށުން މި ސަރުކާރުން ނިންމި މަޝްރޫއުތަކުގެ ތަފްސީލު ދިނުމަށް ހުށަހެޅުން އެ މައުލޫމާތު ރައީސް އޮފީހުން ހާމަނުކޮށް އޮއްވައި، މި ސަރުކާރުން 590 މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ މިދިޔަ ދެ އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ޑެލިވާކޮށްފައިވާ ކަމަށެވެ. 
"އާދެ، ތަރައްގީއާއި ތަމައްދުންގެ މި މިނިވަންކަމުގެ ތެރެއިން އަޅުގަނޑުމެން ހަމައެކަނި ދައްކަނީ ވާހަކައެއް ނޫން. މިއީ ހައްތަހާވެސް ކޮށްފައި ހުރި ކަންކަން. މިއަދާ ހަމަޔަށް އައިއިރުގައި، އާދެ، މިދިޔަ ދެ އަހަރާ އަށެއްކަމަސް ދުވަހުގެ ތެރޭގައި، އެކި ދާއިރާތަކުން 590 މަޝްރޫއު އަޅުގަނޑުމެން ނިންމައި ޑެލިވަރކޮށްފީމޭ،" މުއިއްޒު ވިދާޅުވި އެވެ. 
އަދަދު ނޫހުން ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައިގައި އެދިފައިވަނީ  މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ހަވާލުކުރި މަޝްރޫއުތަކާއި، ބިންގާ އެޅި މަޝްރޫއުތަކާއި، ވީ ވައުދުތަކުގެ އިތުރުން މުއިއްޒު ވީ ވައުދުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމައަށް ފުއްދިފައިވާ ވައުދުތަކުގެ ތަފްސީލު ދިނުމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން  ޖުލައި 5، ގައި ރައީސް އޮފީހަށް އެންގީ މަޝްރޫއުތަކުގެ ތަފްސީލްތައް އަދަދު ނޫހުން އެދުނު ގޮތަށް 14 ދުވަސް ތެރޭގައި ދިނުމަށެވެ. ނަމަވެސް 14 ދުވަސް މިހާރު ފާއިތުވެފައިވާއިރު އެ މައުލޫމާތު ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްނުދޭތީ އައިކޮމް އިން ވަނީ ޖުލައި 13، ގައި ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. 
މިނިވަން ދުވަހުގެ ޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މި މުއްދަތުގައި ނިންމުނީ 285 މަޝްރޫއު ކަމަށްވާއިރު، އޭގެ ކުރީގެ ޕީޕީއެމް ސަރުކާރުގެ މި މުއްދަތުގައި ނިންމުނީ 321 މަޝްރޫއު ކަމަށެވެ. 
މުއިއްޒު ވިދާޅުވީ ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި. އިންސާފުވެރިކަމާއެކީގައި، ލާމަރުކަޒީކޮށް 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރު އެމަނިކުފާނު ވައުދުވި ހުރިހާ މަޝްރޫއެއްހެން ނިންމާލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ