މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ހުޅުވައިފި

ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީގެ)ގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި އިމާރާތްކުރި މި މަރުކަޒު މިއަދު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށްކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މި މަރުކަޒު އާ އިމާރާތަކީ 2022 ވަނަ އަހަރު ބިންގާ އެޅި ތަނެކެވެ. ނަމަވެސް ކޯސްޓް ގާޑުގެ ހިދުމަތް ދެ ގުނަ ފުޅާކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެކު މަސައްކަތް ހަލުވިކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޖަޕާނު ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ގައުމުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ހިލްމީގެ ވާހަކާގައި، ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމުގައި އެ އިމާރާތުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ފާހަގަ ކުރެއްވި އެވެ.
އެ އިމާރާތުގައި  ކަނޑާއި ވައިގެމަގުން ދިމާވާ ހާދިސާތައް ވިލަރެސްކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އޮޕަރޭޝަންސް ރޫމަކާއި ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ތަމްރީނު ފޯރުކޮށްދިނުމަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވެސް ހިމެނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އިމާރާތުން ދޭ ހިދުމަތްތަކަށް ބޭނުންވާ ޓެކްނިކަލް އާލާތްތަކާއި ވަސީލަތްތައް ހޯދައިދިނުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާކަމަށެވެ.
އެމްއާރްސީސީގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ މާލެ ރޭޑިއޯއިންނެވެ. ނަމަވެސް 1981 ގައި ސޮއިކޮށް ތަންފީޒުކުރަން ފެށި ކަނޑުގެ މުއާހަދާ "ސޭފްޓީ އޮފް ލައިފް އެޓް ސީ" އަށް 1998 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ކަނޑުދަތުރުކުރާ އުޅަނދުފަހަރު ހާލުގައި ޖެހުމުން މުއާސަލާތު ކުރެވޭ ގޮތަށް ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް)ގެ ނިޒާމެއް ގާއިމްކުރަން ލާޒިމް ކުރި އެވެ.
އޭރުގެ ދިފާއީ ބާރުގެ ދަށުން ހިންގާ ގޮތަށް 1998 ގައި ސަރުކާރުން ނިންމައި 2003 ވަނަ އަހަރު ވިލިމާލޭގައި އާ އިމާރާތެއް އެކަމަށް އަޅައި 2006 ވަނަ އަހަރު މަސައްކަތް ފެށި އެވެ. 
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި، ޖުލައި 27، 2012 ގައި އެ މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" ގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ މިދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3،713 ހާދިސާއެއް އެމްއާރްސީސީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާތަކުގައި 8،359 ރައްޔިތުންގެ ފުރާނަ އާއި އުޅަނދުފަހަރާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކާއި އެމްއާރުސީސީ ގުޅިގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ