މެރިޓައިމް ރެސްކިޔު ސެންޓަރާ އެކު ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ: ހިލްމީ

ވިލިމާލޭގައި މިއަދު ހުޅުވި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތާ އެކު ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ. ހިލްމީ މިފަދައިން ވިދާޅުވީ އެމްއާރުސީސީ ހުޅުވުމަށް މިއަދު ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. https://sun.mv/225176 މިއަދު ހުޅުވި އެމްއާރުސީސީގެ އައު އިމާރާތަކީ 23 ޖޫން 2022 ގައި ބިންގާ އެޅި އިމާރާތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކޮށް ނިންމާލައި އެ ސެންޓަރު މިއަދު ހުޅުވާފައެވެ. މިއީ ކޯސްޓްގާޑުގެ ގާބިލްކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ ފަންޑުގެ ދަށުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އަދި މި ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާކަން އެމްއެންޑީއެފުން ހާމަކުރެއެވެ. އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޖަ ޖެނެރަލް ހިލްމީ ވިދާޅުވީ، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ޚާއްސަކޮށް އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތް ކުރުން ފަދަ މަދަނީ ދިފާއީ ޚިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު ހުޅުވުން.. ފޮޓޯ/ ރައީސް އޮފީސް ހިލްމީ ވިދާޅުވީ 2022 ވަނަ އަހަރު މި ސެންޓަރުގެ ބިންގާ އެޅި ނަމަވެސް އެކި ސަބަބުތަކާއި ހުރެ މި މަސައްކަތް މަޑުޖެހިފައިވީ ނަމަވެސް މިކަމަށް ހުރި ދަތިތައް ރައީސްގެ އަރިހުގައި ހިއްސާކުރެއްވި ކަމަށާއި ހަމަ އެއާއެކު އެ ސެންޓަރުގެ މަސައްކަތް ފަށައި ދާދި އަވަހަށް ނިންމާ އެ ސެންޓަރު ވުޖޫދަށް ގެނެސްދީފައިވާކަން ހިލްމީ ވަނީ ފާހަގަކުރައްވާފައިއެވެ. " ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކަނޑުމަތީގައި ހާލުގައި ޖެހޭ މީޙުންން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ޚާއްސަކޮށް އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންހެ ފުރާނަޔާއި މުދާ ސަލާމަތް ކުރުން ފަދަ މަދަނީ ދިފާއީ ޚުދުމަތްތައް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް." ހިލްމީގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު ޖީއެމްޑީއެސްއެސްގެ ނަމުގައެވެ. ނަމަވެސް، ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ވިލަރެސް ކުރުމަށްޓަކައި 27 ޖުލައި 2012 ގައި މި މަރުކަޒުގެ ނަން ވަނީ "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" އަށް ބަދަލުކޮށްފައެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3,713 ހާދިސާއެއް އެމްއާރުސީސީއަށް ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާތަކުގައި 8,359 ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއާރުސީސީއާއި އޭރިއާ ކޮމާންޑުތައް ގުޅިގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާކަަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ