ޕިރްލޯއަށް އިޓަލީގެ ކޯޗުކަން ދޭން އުޅުމުން ސިޔާސީ ތޫފާނެއް؛ ސަރުކާރާއި އިިދިކޮޅު އެއްގަލަކަށް

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަން ޔުވެންޓަސްގެ ކުރީގެ ކޯޗު އަންޑްރެއާ ޕިރްލޯއަށް ދޭން އުޅުނު މައްސަލައިގައި އެ ގައުމުގެ ސިޔާސީ މަސްރަހުގައި ވެސް ސަރުކާރާއި އިދިކޮޅު ޕާޓީން އެއްގަލަކަށް އަރައި ފާޑުކިޔައިފި އެވެ. 
އިޓަލީގެ ކޯޗުކަމަށް މަޝްހޫރު ޕެޕް ގާޑިއޯލާ ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އިޓަލީގެ ފުޓްބޯޅަ އިދާރާ (އެފްއައިޖީސީ) އިން އެކުލަވާލި ބަދަލު ކޯޗުންގެ ލިސްޓްގައި ހިމެނޭ އެކަކީ އޭސީ މިލާންގެ ކުރީގެ މިޑްފީލްޑަރު ޕިރްލޯ އެވެ.
ދެން އެ ލިސްޓްގައި ހިމެނެނީ ކުރިން ވެސް އިޓަލީގެ ޓީމަށް ކޯޗުކޮށްދިން ރޮބާޓޯ މަންޗިނީ އެވެ. 
ވިދިވިދިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވެ، ނާކާމިޔާބާ ކުރިމަތިލާން ޖެހުނު އިޓަލީއަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތް އިސްވެ ކުރީ އެފްއައިޖީސީގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ އެވެ. މަލްޑީނީ އާއި ޕިރްލޯއަކީ 2006 ގެ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިނުމުގައި ހިއްސާވި އޭރުގެ މުހިންމު ދެ ކުޅުންތެރިންނެވެ. 
އިޓަލީ އަށް ޔޫރޯ 2020 ގެ މުބާރާތް ކާމިޔާބުކޮށްދިން މަންޗިނީ އަށް އަލުން ފުރުސަތު ދިނުމުގެ ބަދަލުގައި، މަލްޑިނީ އިސްކަން ދިނީ އޭނާގެ އެކުވެރިޔާ ޕިރްލޯ މަގާމު ދިނުމަށެވެ. އިޓަލީގެ ގެޒެޓާ ޑެލޯ ސްޕޯޓްސްއިން ބުނިގޮތުގައި އެފްއައިޖިސީގެ ރައީސް ޖިއޮވާނީ މަލާގޯ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕިރްލޯއަށް ގުޅައި މަގާމުގެ ފެހި ސިގުނަލް ދީފަ އެވެ. 
އިޓަލީގެ ކޯޗުކަން ޕިރްލޯއަށް ދޭން އުޅޭކަމަށް، ވާހަކަ ފެތުރުނު ހިސާބުން ބޮޑު މައްސަލައެއް ފެންމަތިވި އެވެ. ރަޝިޔާގެ ސްޕޯޓްސް ގޭމްބްލިން ކުންފުންޏެއްކަމަށްވާ  ފޮންބެޓްއާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުމެއްގެ މައްްސަލަ ނެގި އެވެ. 
ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށުމުން، ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ އިޓަލީ އެވެ. ރަޝިޔާގެ ކުންފުންޏެއްގެ އިސްތިހާރުގެ މައްސަލައިގައި މީގެ ކުރިން ވެސް ހޫނު ފެނަށް ވެއްޓުނު ޕިރްލޯއާ ދެކޮޅަށް މިފަހަރު ތެދުވީ ހަމައެކަނި ކުޅިވަރުގެ މީހުން އެކަންޏެއް ނޫނެވެ. 
އިޓަލީގެ ސަރުކާރާއި އިދިކޮޅު ޕާޓީން ވެސް ވަނީ މައްސަލައިގައި އެއްގަލަކަށް އަރާފަ އެވެ. 
އިޓަލީގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އިގްނާޒިއޯ ލާ ރޫސާ ވަނީ ޖޯކު ޖައްސަވައި މިއީ "އަނދިރިގަނޑެއްގެ ތެރެއަށް ފުންމާލުން" ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. 
ކުޅިވަރާ ބެހޭ ވަޒީރު އަންޑްރެއާ އަބޯދީ ވެސް މިކަމާމެދު ޝައްކުއުފައްދަވައި، ކުރިން ޕެޕް ގުއާޑިއޯލާ ހޯދުމަށް ކުރި މަސައްކަތަކީ "ކުޅުނު ގޭމްބްލިން" އެއްކަމަށް ސިފަ ކުރެއްވުި އެވެ. އޭނާ ވިދާޅުވިގޮތުގައި ގާޑިއޯލާ ހޯދަން އުޅޭކަމަށް ދައްކައިގެން އިޓަލީގެ ފެޑެރޭޝަނުން "ކުޅުނީ ގޭމެކެވެ."
އިދިކޮޅު ޕާޓީތައްކަމަށް ޑިމޮކްރެޓިކް ޕާޓީ އާއި، އަޒިއޯނޭ އަދި ޔޫރޯޕާ ޕްލަސް ގެ އިސްވެރިން ވެސް ވަނީ "ފޮންބެޓް" އާއެކު އޮތް ގުޅުން ކަނޑާލުމަށް ޕިރްލޯއަށް ގޮވާލައްވާފަ އެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެއްޖެނަމަ، އެފަދަ ބެޓިން ކުންފުންޏަކާއެކު އެއްބަސްވުން ހެދުން މަނާ ވާނެ އެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އެ ސްޕޮންސާޝިޕް ޑީލަށް ނިމުން ގެންނަންޖެހޭނެ އެވެ. 
ޕިރްލޯ އަށް ފާޑުކީ، އަނެކަކީ އޭނާއާ އެކު އެސީ މިލާނަށް ކުޅުނު އަންޑްރޭ ޝެވެޗެންކޯ އެވެ. ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްެރިވި ޝެވެޗެންކޯއަކީ މިހާރު ޔޫކްރޭންގެ ފުޓްބޯޅަ އިދާރާގެ ރައީސް އެވެ. އަދި އޭނާއަކީ އެ ގައުމުގެ ރައީސް ވަލްޑަމިރް ޒެލެންސްކީގެ އިސް އެޑްވައިޒަރެއް ވެސް މެ އެވެ. 
ފާޑުކިޔުން އަމާޒުވުމުން ޕިރްލޯ ސޯޝަލް މީޑިއާގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ފަރާތަކާ އެކު އޭނާ ސްޕޮންސާޝިޕް އެއްބަސްވުން ހަދަނީ ސިޔާސީ ކަމެއް ޕްރޮމޯޓްކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ފެންބެޓާ އެކު ހެދި އެއްބަސްވުމުގައި ވެސް ސިޔާސީ އެއްވެސްކަމަކާ ގުޅުމެއް ނެތް ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީ ޔުނައިޓެޑް އެފްސީގެ މިހާރުގެ ކޯޗު ބުންޏެވެ. 
"މި ފަހަކަށް އައިސް ބޮޑު މައްސަލައަކަށްވެގެން މިއުޅޭ ކުޅިވަރުގެ ގުޅުމަކީ. ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އަހަރެން އަދާކުރި ވަޒީފާގެ ތަޖުރިބާގެ ތެރެއިން އުފެދުނު ހަމައެކަނި ވިޔަފާރި އާއި ކުޅިވަރާ ގުޅުންހުރި ކަމެއް،" އިންސްޓަގްރާމްގައި ޕިރްލޯ ލިޔެފައިވެ އެވެ. 
"މި އެއްބަސްވުމުގައި ސިޔާސީ މާނައެއް އެކުލެވޭކަމަށް ދެއްކުމަކީ އަހަރެން ދުވަހަކުވެސް ފާޅުކޮށްފައިނުވާ އަދި ގަބޫލުވެސް ނުކުރާ ސިޔާސީ ފިކުރުތަކެއް އަހަރެންގެ ބޮލުގައި އަޅުވައިފައިވާ ސިފަކުރުމެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ