އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު ހަމަލާ ނުދޭނެ ކަމަށް އީރާނުން ބުނެފި
އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު ހަމަލާ ނުދޭނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ބުނެފިއެވެ. އީރާނުން އެގޮތަށް ބުނީ، ހަނގުރާމައިގައި އެ މީހުންގެ އަމާޒުތައް ހުސްވާ ކަމަށާއި ހަތިޔާރު ވެސް ހުސްވަމުންދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުންގެ މަޝްވަރާގެ މަތިން އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމުންނެވެ. ނަމަވެސް އެމެރިކާއިން އީރާނަށް ކޮންމެ ރެޔަކު ހަމަލާ ދެމުން ގެންދާތާ 13 ދުވަސް ފަހުން ކުއްލިއަކަށް ހަމަލާތައް ހުއްޓާލީ ހަތިޔާރުގެ ސްޓޮކް މަދުވެގެން ކަމަށް ބުނާ ރިޕޯޓުތަކަކީ ދޮގެއް ކަމަށާއި އެއީ ރައީސް ޓްރަމްޕު އީރާނުގެ މަޝްވަރާތަކަށް ފުރުސަތު ދެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށް، އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ވޯލްޓްޒް ވަނީ ވިދާޅުވެފައެވެ. އީރާނަށް އެމެރިކާއިން ދިން ވައިގެ ހަމަލާތައް 13 ރޭ ވަރުގަދަ ކުރުމަށްފަހު، ހުކުރު ދުވަހުގެ ރޭ ދަންވަރު ޕެންޓަގަނުން ހަމަލާ ދިނުން މެދުކަނޑާލިއިރު، ހޮނިހިރު ދުވަހު ވެސް އަދި އާދީއްތަ ދުވަހު ވެސް އެމެރިކާގެ އެއްވެސް ހަމަލާއެއް ދިން ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލުން ފާއިތުވި ދުވަސްތަކުގައި ބުނެފައިވަނީ ހަމަލާ ދޭން ކަނޑައެޅި އަމާޒުތަކަށް ފާއިތުވެދިޔަ ދެ ހަފުތާ ވަންދެން ހަމަލާ ދީފައިވާ ކަމަށެވެ. ހަނގުރާމައިގެ ބޮޑެތި އޮޕަރޭޝަންތައް އަލުން ފެށުމަކީ އަދިވެސް ކުރެވިދާނެ ކަމެއް ނަމަވެސް އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ ހަތިޔާރު ސްޓޮކަށް ކުރާ ނޭދެވޭ އަސަރުތަކަށް ބަލާއިރު، ހަނގުރާމަ ފެށުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޓްރަމްޕަށް ދަންނަވާފައި ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި މެދުއިރުމަތީގައި އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުން ބޭނުންކުރާ އިންޓަސެޕްޓަރުތައް ހިމެނޭ ކަމަށް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ ޓްރަމްޕް ހަމަލާތައް ހުއްޓާލަން ނިންމެވުމަކީ އެމެރިކާގެ މަޝްވަރާތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް އީރާނުން އުންމީދު ނުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ