ވިލިމާލޭގައި ތަރައްގީކުރީ ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީ އަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ. މި މަރުކަޒު އައު އިމާރާތް ވިލިމާލޭގައި ތަރައްގީކޮށްފައިވަނީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެންނެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 23 ޖޫން 2022 ގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އިމާރާތުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. މިއީ އެމަނިކުފާނު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވަފައިވާ ސިޔާސަތުގެ ތެރެއިން ކުރެއްވި މުހިންމު މަސައްކަތެއްކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.
އަލަށް ހުޅުވި އެމްއާރުސީސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި އިމާރާތަށް ޖަޕާނު ސަރުކާރުން ފަންޑުކޮށްދެއްވާފައިވާއިރު މަސައްކަތް ވިލަރެސްކުރުމުގައި ޔޫއެންއޯޑީސީން ވަނީ ޚާއްސަ ދައުރެއް އަދާކުރައްވާފައެވެ. އަދި މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އިމާރާތާއެކު ކަނޑުމަތީ ހިނގާ ހަދީސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހަރުދަނާ ވެގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވައެވެ. އަދި، ކޯސްޓްގާޑްގެ ޤާބިލްކަން އިތުރުކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ޚާއްސަ ސަމާލުކަމަށް އެ ޚިދުމަތުން ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުސީސީގެ ޚިދުމަތް ފެށުނީ "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް"، ޖީއެމްޑީއެސްއެސްގެ ނަމުގައެވެ. އެގޮތުން ވިލިމާލޭގައި ޖީއެމްޑީއެސްއެސްގެ އޮޕަރޭޝަން ސެންޓަރެއް 2006ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި، 27 ޖުލައި 2012 ގައި، އެ މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3،713 ހާދިސާއެއް އެމްއާރްސީސީއަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާތަކުގައި 8،359 ރައްޔިތުންގެ ފުރާނައާއި، އުޅަނދުފަހަރާއި މުދާ ސަލާމަތްކުރުމަށް އެ ޚިދުމަތުގެ އޭރިއާ ކޮމާންޑުތަކާއި އެމްއާރުސީސީ ގުޅިގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ