ސީރިއާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ހަދަނީ

ސީރިއާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދިއުމަށް މަސައްކަތްކުރަމުންދާކަން ސީރިއާގެ ރައީސް އަޙްމަދު އަލްޝަރާ ހާމަކުރައްވައިފިއެވެ. އަލްޖަޒީރާގެ "އަލްމުޤާބަލާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އަލްޝަރާ ވިދާޅުވީ، އިސްރާއީލާއެކު ވެވޭ އެއްބަސްވުމަކީ ފުރިހަމަ ޞުލްޙައަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިފަދަ އެއްބަސްވުމެއްގެ ސަބަބުން، 1973 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ޤަވާޢިދާ ޚިލާފަށް ހިފާފައިވާ ގޯލާންގެ އުސްބިންތަކުގެ ޙައްޤު ސީރިއާއަށް ގެއްލިގެން ނުދާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ. އޭނާ ވިދާޅުވީ ސީރިއާއިން އިސްރާއީލާއެކު އެއްވެސް ހަމަނުޖެހުމަކަށް ދިއުމާ ދުރުހެލިވަމުން އަންނަ ކަމަށާއި، ސަލާމަތީ އިންތިޒާމެއްގެ ސަބަބުން މިކަމަށް ފުރިހަމަ ޙައްލެއް ހޯދުމަށް މަގުފަހިވެދާނެ ކަމަށެވެ. އިސްރާއީލާއެކު އެއްބަސްވުމަކަށް އައުމަށް ނިންމީ، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލްޝަރާ ވެރިކަމަށް ވަޑައިގަތް ފަހުން، އިސްރާއީލުން ތަކުރާރުކޮށް ސީރިއާގެ ދެކުނަށް ޙަމަލާދީފައި ވަނިކޮށެވެ. އަދި އަވަށްޓެރި ލުބުނާނުގެ ކަންކަމުގެ ތެރެއަށް އަސްކަރީ ގޮތުން ވަނުމުގެ އެއްވެސް ވިސްނުމެއް ސީރިއާއިން ނުގެންގުޅޭކަން ވެސް އަލްޝަރާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ސަރުކާރުން މިހާރު ދަނީ، އެ ޤައުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ގޮތްތަކާ ބެހޭގޮތުން ލުބުނާނުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް އަލްޝަރާ ވިދާޅުވިއެވެ. ޙިޒްބުﷲ އާއި އިސްރާއީލު ސިފައިންނާ ދެމެދު ހަނގުރާމަކުރަމުންދާއިރު، ލުބުނާނުގެ ދެކުނު ސަރަޙައްދު މިހާރު އޮތީ އިސްރާއީލުގެ އަތްދަށުގައެވެ. އެތެރޭގެ ކަންކަމާއި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އަލްޝަރާ ވިދާޅުވީ، އެމެރިކާއާއި އެހެން ޤައުމުތަކުން ސީރިއާއަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް، ޓެރަރިޒަމްގެ ލިސްޓުން ވެސް އެ ޤައުމު އުނިކުރަން ޖެހޭ ކަމަށެވެ. ސީރިއާގެ އުތުރާއި އިރުމަތީގެ ބައެއް ހިސާބުތައް ކޮންޓްރޯލްކުރާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާއެކު ވެފައިވާ އެތެރޭގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލްޝަރާ ވަނީ، އެ އެއްބަސްވުން ތަންފީޒުކުރުން ލަސްވެފައިވާކަން ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސީރިއާ ހަނގުރާމައިގެ ތެރޭގައި، 2011 އާއި 2024 އާ ދެމެދު ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް ސީރިއާގެ ކަމާބެހޭ ފަރާތްތަކުން ޚާއްޞަ ކޮމިޓީއެއް އުފައްދާފައިވާކަން ވެސް އަލްޝަރާ ވަނީ އިޢުލާންކުރައްވާފައެވެ. އދ. އިން ލަފާކުރާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި ގާތްގަނޑަކަށް 100،000 މީހުން ގެއްލިފައިވާއިރު، ސީރިއާގެ ނޭޝަނަލް ކޮމިޝަން އޮން މިސިން ޕާސަންސްއިން ގަބޫލުކުރާ ގޮތުގައި ސީރިއާގެ ތިން ލައްކަ މީހުން ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ