މުއިއްޒަށް: ބިލްތަކަށް ފައިސާ ނުދައްކާ ބޭސްނުގެންނަ ވާހަކަ ނުދައްކާ

އާނއެކެވެ. މުއިއްޒު ވެރިކަން ފެށުނީއްސުރެ ރާއްޖެ ކަޑައްތުކުރަމުން ދަނީ ބޭސްލިބުމުގެ ދަތިކަން ބޮޑު ޒަމާނެކެވެ. ބޭސް ލިބުން ދަތިވެގެން އުޅެނީ ކީއްވެގެންތޯ ހަމަ ބަލައިލަން ރަނގަޅެވެ. މުއިއްޒު ބުނާގޮތުން ރާއްޖެ ބޭހަށް ޖެހިގެން އުޅެނީ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ސަބަބުންނެވެ. މުއިއްޒު ބުނަނީ ރާއްޖޭގައި އޮތީ ބޭހުގެ ބޮޑު މާފިޔާއެއް ކަމަށެވެ.
އާސަންދައިގެ ތެރެއިން 2000 ފަސެންޓަށްވުރެ ބޮޑު ފައިދާއެއް ބޭސްވިއްކާ މީހުން ބައެއް ބަވާތުގެ ބޭހުން ނަގަމުން ދިޔަކަމަށް މުއިއްޒު އެބަބުނެއެވެ. މުއިއްޒު ބުނާގޮތުގައި ބޭހަށް ދަތިވެގެން ދިޔައީ އާސަންދައިންވާ ލީކޭޖު ކުޑަކޮށް އަހަރަކު 500 މިލިޔަން ރުފިޔާ ސަލާމަތް ކުރުމުން ބޭސްވިއްކާ މީހުން ގަސްދުގައި ބޭސް ގެނައުން ހުއްޓާލުމުންނެވެ. 
އެންމެ ރަނގަޅެވެ. މުއިއޒު އެ ބުނާ ގޮތްވެގެން ބޭސް ގެނައުން ހުއްޓާލާނީ އަމިއްލަ ފާމަސީ ތަކުންތާއެވެ. އެކަމަކު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެސްޓީއޯއިން އެހެނެކޭ ކިޔާފައި ބޭސް ގެނައުން ހުއްޓާލަންޖެހޭ ސަބަބެއް ނެތެވެ. އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެ ކުރަމުން އަންނަ ކުންފުންޏެވެ. އަނެއްކޮޅުން އެސްޓީއޯއަކީ ރައްޔިތުންގެ ދިރި އުޅުމަށް ބޭނުންވާ އަސާސީ ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އުފައްދާފައި އޮންނަ ސަރުކާރު ކުންފުންޏެވެ. ކާޑާއި ތެލާ ބޭހަކީ ހުސްނުކޮށް އެސްޓީއޯއިން ލިބެން ހުންނަން މަޖުބޫރު ބާވަތްތަކެކެވެ. 
އޮޅުވާލަން ތިޔަ އުޅެނީ ކާކަށް ކޮން އެއްޗެއްހެއްޔެވެ. ވެގެން އުޅެނީ އެހެންނަކުން ނޫނެވެ. ވެގެން އުޅޭގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. ޖަޒްބާތުގައި މުއިއްޒު އެޅި ގިނަ ފިޔަވަޅުތަކުން ރާއްޖޭގެ މާލީ ނިޒާމު ބޮއްސުން ލީމާ ވާނެ ހައެއްޗެއް ވީއެވެ. ބައެއްގެ ބޮލަށް ކަންކަން ކަނޑާލަން ނުހަދާށެވެ.
ވެރިކަމަށް އެރިގޮތަށް އަރާ އެއްގައުމަކަށް ބަރޯސާވުން ނިމުނީއޭ ބުނެ ބޭސްފަރުވާ ކުރަން ހުރި ލާރިކޮޅު ތަޅާލީ އެއްކަމަކީ އެއަރ އެމްބިއުލާންްސް ހަދާށެވެ. ބެންކޮކާއި ދުބާއީން އާސަންދަ ދެވޭކަން ދައްކަން ގާތް ބަޔަކަށް އެތައް ފައިސާއެއް ހޭދަކޮށްލީވެސް މުއިއޒެވެ. އިންޑިއާ ޖެހިގަނެ އިންޑިއާއިން އުފައްދަނީ ފަޑުއްކަ ބޭސް ކަމަށް ވެގެން އިންޑިއާއިން ބޭސް ނުގެންނަން ޔޫރަޕުން ބޭސް ގެންނަން ދިމާކުރި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. 
މިހާރު އަމިއްލަ ފާމަސީތަކުގެ ބޮލުގައި ވަގު ބަދުނާމު އަޅުވާ އެމީހުން ގަސްދުގައި ބޭސް ނުގެންނަނީ ކަމަށް ބުނާއިރު އާސަންދައިގެ ދަށުން ގެންގޮސްފައިވާ ބޭހަށް އެތައް ސަތޭކަ މިލިޔަން ރުފިޔާ ނުދީ ހުރެގެން އަމިއްލަ ފާމަސީތަކުން ބޭސް ނުގެންނަނީއޭ ބުނަން ލަދެއް ހަޔާތެއް ނެތްދޯއެވެ. އާދައިގެ ކުދިކުދި ބޭސް ފިހާރަތަކުން ބޭސްގެން ގޮސްފައިވާ ބިލުތަކަށް އަހަރު ދެ އަހަރު ވަންދެން މިލިޔަނުން ފައިސާ ނުދައްކާ އޮތުމުން އެމީހުން ބޭސް ގެންނާނީ ކޮންއެއްޗެއް އުފުރައިގެން ހެއްޔެވެ. އެންމެ ކުޑަކުޑަ ބިލު ގަނޑަކަށްވެސް ފައިސާއެއް ލިބެނީ އެތައް ދުވަހަކު ފަހަތުން ހިނގާ އާދޭސްކޮށްގެން ލިބެންޖެހޭ ފައިސާގެ ބޮޑު ޕަސެންޓެއް އެކަން ކުރަން ތިބޭ ބަޔަކަށް ރިޝްވަތުގެ ގޮތުގައި ދީގެންކަން ނޭނގޭ މީހަކުވެސް ނޫޅެއެވެ.
އެހެން ނޫނަސް މުއިއްޒު އެބުނާ ބުނާ ރޭޓަކަށް އަގުދަށް ކުރިއިރު ގިނަ ބޭސް ވިއްކަންޖެހެނީ ގަތް އަގަށްވުރެ މާބޮޑަށް އަގު ހެކޮށެވެ. ކުޑަވަރެއްގެ ފައިދާއެއް ލައިގެން ވިއްކޭގޮތަށް އަގު ކަނޑައެޅީވެސް މަދު ބޭހެއްގެއެވެ، އަނެއްކޮޅުން އަތުފަތު ނޭޅޭހާ ބާރަށް ޑޮލަރުގެ އަގު އުފެލެމުން ދާއިރު އެކަމަށް ކުޑަވެސް ރިއާޔަތެއް ކުރުމެއް ނެތެވެ. އާސަންދައިގެ އަގުތައް ވައްޓާލުމާއި ޑޮލަރުގެ އަގު އަރައިގެން ދާދިޔުމާއި ނުއަގުގާވިޔަސް އާސަންދައަށް ވިއްކާ ބޭހަށް ގަވައިދުން އަގު ނުލިބުމަކީ އެއްފަހަރުން އަނެއް ފަހަރަށް ބޭސްނުގަނެވި މުސާރަ ނުދެވި ކުލި ނުދެއްކި ފާމަސީތައް ބަނގުރޫޓު ވެގެންދާނެކަން ރައީސް މީހާއަށް ނޭނގުނީމާ ބުނާނެ އެއްޗެއް ނެތެވެ. އެކަންކަން އެހެން އޮއްވާ ނުއަގުގައި އާސަންދައަށް ގެންގޮސްފައިވާ ބޭސްތަކަށް ފަސްހަމަސް ވާއިރު އަގުދޭ ނަމަވެސް ބޭސް ނުގެންނަނީ ގަސްދުގައޭ ކިޔައިގެން އަނގަ ހުޅުވާ ވާހަކަ ދައްކަން ރަނގަޅެވެ. 
ރާއްޖެއަށް އެތެރެކުރާ ބޭހަށް ހުއްދަދޭން އަދިވެސް މަހާރެހެންދި ބައިންދައިގެން އެތައް ޒަމާނެއް ވަންދެން ކަޓު ލިބޭގޮތަށް ރާއްޖޭގެ މެޑިކަލް މާފިއާގެ މުގުލުގައި ހުރީ ކާކުކަން ރައްޔިތުންނަކަށް ނޯޅެއެވެ. ރައްޔިތުންގެ މަރާ ދިރުމާ ގުޅިފައިވާ ކަމަކުން ނަފާ ހޯދަމުން އެސްޓީއޯއިން އެތައް ޒަމާނެއް ވަންދެން ރަގަޅަށް ކުރަމުން އައިކަމެއް ޒާތަކު ފާމާއެއް ހަދައިގެން ރައްޔިތުން ވެވަށްވެއްޓުނު ގެރިހައްދަން އުޅޭނެ ކަމެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ