ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ދޫނިދޫ ޖަލަށް ގެންގޮސްފި

ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ހައްޔަރުކުރި ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް މީގެ ކުޑަ އިރުކޮޅެއްކުރިން ދޫނިދޫ ޖަލަށް ގެންގޮސްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްފައިވަނީ، ވިލާ ހައުސް ހުންނަ އިމާރާތް ބަލައި ފާސްކުރުމަށްފަހު އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ވިލާ ހައުސް ބަލައި ފާސްކުރުމަށްފަހު އެތަނުން ފުލުހުން ބައެއް ތަކެތި ގެންދިޔަކަމަށް ވެއެވެ.
ނަމަވެސް ސިޔާދުއާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލައެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި ސިޔާދު ހައްޔަރުކޮށްގެން ގެންދިޔައިރު ގާނޫނީ ވަކީލެއްގެ ފުރުސަތުވެސް ނުދެއެވެ.
ޖުމްހޫރީ ޕާޓީން އަންގާރަ ދުވަހުގެރޭ ވަނީ، އިބްރާހިމް ސިޔާދު ގާސިމް ވަގުތުން މިނިވަންކުރުމަށް ގޮވާލާފައެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދޮށީ ފިރިހެން ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށް ބުނެ ހައްޔަރުކުރުމަކީ ސިޔާސީ ގޮތުން ކުރައްވާފައިވާ ހައްޔަރެއް ކަމަށް ޖޭޕީން ދެކޭކަމަށެވެ.
ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ ގައުމު އިސްލާހް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކުރަމުންގެންދާ ކަންކަމަކީ ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތަކަށް ބެލުމެއްނެތި ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރާ ކަމެއްކަމަށް ދެކޭކަމަށެވެ.
ޖޭޕީގެ ބަޔާނުގައި، ގާސިމް އިބްރާހީމްގެ ސިޔާސީ މަސައްކަތްތައް ހުއްޓުވައި، އެމަނިކުފާނު ސީދާ ރައީސް ޔާމީނަށް ތާއީދުކުރެއްވުމަށް މަޖުބޫރުކުރުމުގެ ގޮތުން އެމަނިކުފާނުގެ މުދަލާއި ވިޔަފާރިއަށް އަދި އެމަނިކުފާނުގެ އާއިލާއަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދުއްތުރާތަކާއި ގާނޫނާއި ޚިލާފު އަމަލުތައް ވަގުތުން ހުއްޓުވައި، އިބްރާހީމް ސިޔާދު ގާސިމް ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައި ވެއެވެ.
ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ގެންދަނީ ސިޔާދު މިނިވަންކުރުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ