ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޅުކުރެއްވި ހިޔާލާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަންބޮޑުވުވެވަޑައިގެންފި އެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމާ އެ އަމުރުގައިވާ ބޭފުޅުން ދޫކޮށްލުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެބޭފުޅުންގެ މަގާމުގައި ދެމިތިއްބެވި ކުރައްވާފައިވާ ކުށްތަކާއި ގުޅިގެން އަލުން ހައްޔަރުކުރަންޖެހޭނެ ކަަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އުމަރުގެ މިޓްވީޓާ ގުޅިގެން ގާސިމް އިބްރާހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަގުތުން ދޫކޮށްލުމަށް ކަނޑައަޅާފައިވާ ނުވަ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކާ ބެހޭ ގޮތުން ޖޭޕީގެ މެންބަރު އުމަރު ނަސީރު ފާޅުކުރެއްވި ހިޔާލާ މެދު ހިތާމަކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ހުރިހާ ބޭފުޅުންނާ މެދުވެސް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގުކޮށް، އަދުލުވެރިކަމާއި، އިހްސާންތެރިކަމާ އެކު އިންސާފު ލިބިގެން ދިއުމަށް ކަމަށެވެ.
އެފަދަ ހުކުމެއް ކުރެވިގެން މެނުވީ ވަކި އަދަބެއް ލިބެންޖެހޭނެ ކަމަށް ނުވަތަ ނޫންކަން ވެސް ކަނޑައަޅާ ބުނުމަކީ އެކަމެއް ބަލައި ނިންމުމުގެ ކުރިން އެއްވެސް މީހަކު ބުނެވެގެން ވާނެ އެއްޗެއް ނޫން ކަމަށް ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ މިހާރު ވަކި މީހަކު ޖަލަށް ލާންވީ ކަމަށް ނުވަތަ ނޫން ކަމަށްވެސް ބުނެގެން ނުވާނެ ކަމަށެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި މި ޓްވީޓާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަަޔަކު ވަނީ އުމަރަށް ފާޑު ކިޔާފަ އެވެ.
އުމަރުގެ ޓްވީޓާ ގުޅިގެން ގާސިމް ކަންބޮޑުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ