ކަންފަތުން މަޑު ނަންގަވާ ސާފުކުރައްވާ , 2018 ގައި އަދަބު ލިބޭނެ: ރިޔާޒް

ސިޔާސީ ވަކި މީހަކު ބަންދުގައި ހުރި ވާހަކަ ދައްކާ ނަމަ، "އަޅުގަނޑުގެ ކަންފަތުން ވަރަށް ފުނަށް ދަން ދެން ވެސް ޖެހޭނީ މަޑުނަގަން" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ އަމާޒުކުރެއްވި ފާޑުވިދާޅުވުންތަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ރައްދު ދެއްވައިފި އެވެ.
އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގައި ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ އެޖެންޑާއެއްގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ ނަމަ، އެމަނިކުފާނުގެ ކަންފަތްޕުޅު ވަރަށް ތޫނުވާނެ ކަމަށާއި ނަމަވެސް ވަކި މީހަކު ބަންދުގައި ހުރެގެން، އެ މީހަކާ މެދު ލުއި ގޮތެއް ނުވާ ކަމުގެ ވާހަކަ ދައްކާ ނަމަ ކަންފަތްޕުޅުގެ ވަރަށް ފުނުން ވެސް ޖެހޭނީ މަޑު ނަގަން ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުތަކާ ޚިލާފަށް، ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ވާދަވެރިން ބަންދުކުރުމުން އެ ވާހަކަ ދައްކާނެ ކަމަށާއި ރައްޔިތުންގެ ވާހަކަތައް އަޑުނޭހުމުގެ އަދަބު ރައްޔިތުންގެ މަންދޫބުން މިހާރު ވެސް މަނިކުފާނަށް ދީފައިވާ ކަމަށެވެ.
"އަދި 2018 ގެ އިންތިހާބުގައި ވެސް ރައްޔިތުން އަދަބު ދޭނެ، ކަންފަތުން މަޑު ނަންގަވާ ސާފުކުރައްވާ،" "މަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ ޖަރީމާތައް ބެލުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި. ބޭރުގެ ގައުމުތަކުގައި ފޮރުވާފައި ހުރި ދައުލަތުގެ ފައިސާތައް ބޭރުގެ ފަރާތްތަކުގެ އެހީގައި ދައުލަތަށް އަނބުރާ ގެންނާނެ ދުވަހެއް ދެކެން ގިނަ ރައްޔިތުން ބޭނުންވޭ،"
އަދި އިދިކޮޅު ލީޑަރުންގެ ފިކުރަކީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅު ފިކުރު ކަމަށާއި ރައްޔިތުން ބޭނުން ވަނީ އަދުލުވެރި ވެރިކަމެއް ކުރާނެ ވެރިއަކާއި އިންސާފުވެރި ފަނޑިޔާރުގެއަކާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ