އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 39 އަހަރުގައި ވެސް ދައްކަމުންދާ ކުޅުމާ މެދު ހައިރާން ނުވާ ކަމަށާއި، މެސީ ކުޅެން ބޭނުންވާހާ ދުވަހަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ އޭނާ ކަމަށް އާޖެންޓީނާ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
މި ވޯލްޑް ކަޕްގައި މެސީ ވަނީ އަށް ގޯލު ޖަހައި، ފްރާންސްގެ ކީލިއަން އެމްބާޕޭއާއެކު ގޯލް ލިސްޓުގެ އެންމެ ކުރީގައި ހިމެނިފައެވެ. ގަދަ 16 ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ފަހަތުގައި އޮއްވައި 11 މިނެޓް ބާކީ އޮއްވައި މެސީ ގޯލެއް ޖެހިއެވެ. އަދި ކްރިސްޓިއަން ރޮމޭރޯއަށް އެސިސްޓެއްދީ ނަތީޖާ ހަމަހަމަކުރުމުގައި ވެސް ބައިވެރިވިއެވެ. އެ މެޗުން ފަހުވަގުތު އާޖެންޓީނާ މޮޅުވީ 3-2 އިންނެވެ. މިއީ މެސީ ކުޅޭ ރެކޯޑް ހަ ވަނަ ވޯލްޑް ކަޕެވެ.
”މެސީ ކޮންމެ މެޗެއްގައި ވެސް ގާތްގަނޑަކަށް އެއް ވަރަކަށް ދުވޭ. ފުޒިކަލީ ގޮތުން ބަލާއިރު، ފިޓްނެސް ކޯޗާއެކު ތައްޔާރީ މަސައްކަތްކޮށް އޭގެ ނަތީޖާ ފެނިއްޖެ، އެކަމަކު ނަންބަރުތަކަށް ބަލާއިރު އެހާ ބޮޑު ބަދަލެއް އައި ކަމެއް ނޭނގެ. ސާފުކޮށް އެނގޭ ކަމަކީ އޭނާ ދެވެން ހުރި ހުރިހާ އެއްޗެއް ދޭކަން. އެ ހުރިހާ އެއްޗެއް ދީ ނުރައްކާ އުފެއްދެން އޮތްކަން ދެނެގަތީމާ އޭނާ އަކީ މެޝިނެއް،“ ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ ބުނީ މެސީ ރަނގަޅަށް ދަންނަ ނަމަ މި ފެންވަރު ފެނުމުން ހައިރާން ނުވާނެ ކަމަށެވެ. ”އޭނާ ބޭނުންވާހާ ދުވަހަކު އެންމެ މޮޅު ކުޅުންތެރިޔާ އަކީ އޭނާ. އެއީ ކޯޗަށް ވީމާ ބުނާ އެއްޗެއް ނޫން،“ ސްކަލޯނީ ބުންޏެވެ.
އިންޓަ މަޔާމީއަށް ކުޅެމުންދާ މެސީ މިދިޔަ މަހު 39 އަހަރު ފުރުނު އިރު، މަސްގަނޑުގެ އަނިޔާއަކުން ރަނގަޅުވެގެން މި މުބާރާތަށް އައީ ފިޓްނެސްއާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ. މި ވޯލްޑް ކަޕް ތެރޭގައި ޖެހި ގޯލުތަކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ.
ކުއާޓާ ފައިނަލުގައި ރާއްޖޭގަޑިން މާދަމާ ހެނދުނު 6:00 ގައި ކެންސަސް ސިޓީގައި އާޖެންޓީނާ ބައްދަލުކުރާނީ ސުވިޒަލެންޑާ އެވެ. ސުވިޒަލެންޑް 72 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ކުއާޓާއަށް ދިޔައީ ކޮލަމްބިއާ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ”ފަސޭހަ ވާދަވެރިއެއް ނެތް. އެއީ ވަރަށް މޮޅު ޓީމެއް. ވޯލްޑް ކަޕް ސަގާފަތެއް ހުރި، ތަޖުރިބާކާރު ކުޅުންތެރިން ތިބި، ފިޒިކަލީ ވަރުގަދަ ޓީމެއް،“ ސްކަލޯނީ ބުންޏެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް މެސީގެ ފެންވަރާ މެދު ހައިރާނެއް ނުވޭ، އެއީ މެޝިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ