ފުޓުބޯޅައިގެ ފޯރި ކުޑަ އެމެރިކާގައި ހާލަންޑުގެ މަޤްބޫލުކަން އުފުލެނީ

އެމެރިކާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ނޯވޭ ގައުމީ ޓީމުގެ ފޯވާޑް އާލިންގް ހާލަންޑް ދައްކަމުންދާ މޮޅު ކުޅުމާއެކު، އެމެރިކާގެ އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން އާދަޔާޚިލާފަށް އިތުރުވެގެން ގޮސްފިއެވެ. ނޯވޭއާއެކު މުބާރާތުގެ ފުރަތަމަ ހަތަރު މެޗުން ހަތް ލަނޑު ކާމިޔާބުކޮށްފައިވާ އުމުރުން 25 އަހަރުގެ ހާލަންޑުގެ މި މަގުބޫލުކަމާއެކު އެމެރިކާގެ ކުޅިވަރުގެ މީޑިއާތަކުން އަޅާކިޔަމުންދަނީ އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީއާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓަށްވުރެ ހާލަންޑުގެ މަގުބޫލުކަން ބޮޑުކަމުގައެވެ. އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މަގުބޫލުކަން މިނެކިރާ "އެލްގޮރިޒަމް"ތައް ބައްޓަންކުރެވެމުންދަނީ ހާލަންޑާ ގުޅޭ ކޮންޓެންޓަށް އިސްކަންދެވޭ ގޮތަށް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ އޭނާގެ ކޮންޓެންޓަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވުމާ ގުޅިގެން އައި ބަދަލެއްގެ ގޮތުގައި އެ މީޑިއާތަކުން ސިފަކުރެއެވެ. މިކަމާ ގުޅޭގޮތުން ހާލަންޑުވެސް ވަނީ މީޑިއާގައި ވާހަކަދައްކާފައެވެ. އޭނާ ބުނީ މިއީ ކެރިއަރުގައި އުންމީދުކުރި ކަމެއްނޫން ކަމަށެވެ. މިއީ އެމެރިކާގެ މާކެޓްގައި މެންޗެސްޓާ ސިޓީގެ ބްރޭންޑް ފުޅާކުރުމަށް ލިބޭ ރަން ފުރުސަތެއްގެ ގޮތުގައި އެ ކުލަބުން ގަބޫލުކުރެއެވެ. އެމެރިކާއަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދޭނެ އެއް މާކެޓެވެ. ހާލަންޑު ޖަހަމުންދާ ގޯލުތަކާއި އޭނާގެ މިޒާޖުގެ ސަބަބުން، އާންމުކޮށް ފުޓްބޯޅަ ނުބަލާ އެމެރިކާގެ ގިނަ ބައެއްގެ ސަމާލުކަންވެސް މިހާރު ވަނީ އޭނާއަށް ހުއްޓިފައެވެ. ސިޓީގެ ކޯޗު އެންޒޯ މަރެސްކާއަށްވެސް މިއީ ކުރިއަށް އޮތް ސީޒަނަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. މި މަގުބޫލުކަން މުބާރާތަށްފަހުވެސް ދެމިއޮންނާނެ މިންވަރެއް އެނގޭނީ ނޯވޭއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކުރިއަށްދާ މިންވަރަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ