ރީތިރީތި ވިއްސާރަދުނި: ކުލަތަކުގެ ހިތްގައިމުކަން ބުނެދޭ ފޮތެއް

އައިޝަތު ޝިފާ ލިޔެފައިވާ ކުޑަކުދިންގެ އައު ފޮތް "ރީތިރީތި ވިއްސާރަދުނި" ނެރެފިއެވެ. މި ފޮތް ނެރެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ރާއްޖޭގެ ލައިބްރަރީ ދުވަހާ ގުޅުވައިގެންނެވެ.
މި ފޮތް އިފްތިތާހުކޮށްދެއްވީ މައިންޑް ޗޭމްޕްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަމަތުއްލާ ޝަކީބެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ފޮތުގެ ލިޔުންތެރިޔާ ވަނީ ޤައުމީ ކުތުބުޚާނާއަށް މި ފޮތް ހަދިޔާކުރައްވާފައެވެ. ކުތުބުޚާނާގެ ފަރާތުން ފޮތާ ހަވާލުވެލެއްވީ ލައިބްރަރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން މި ފޮތްލިޔުނު ފަރާތްކަމުގައިވާ އައިޝަތު ޝިފާ ބުނިގޮތުގައި މިއީ ތުއްތުކުދިިންނަށް ތަފާތު ކުލަތަކުގެ ޚާއްސަކަން ބުނެދިނުމަށް ތައްޔާރުކުރި ފޮތެއްކަމަށެވެ. ފޮތް އެކުލަވާލާފައިވަނީ ކުދިން ގަޔާވާނެހެން ފަސޭހައިން ކިޔާލެވޭގޮތަށްކަން އޭނާ ފާހަގަކުރިއެވެ.
"މި ފޮތަކީ ތުއްތު ކުދިން ގަޔާވާ ގޮތަށް ހަދާފައިވާ ފޮތެއް. ވަރަށް އިންޓަރެކްޓިވްކޮށް ކިޔާދޭއިރު އެކުދިންނާ އެކުގަ ކިޔާލަން ފަސޭހަ، ޝައުގުވެރިވާނެ ގޮތަށް ޑިޒައިން ކޮށްފައިވާ ފޮތެއް." އައިޝަތު ޝިފާ ބުންޏެވެ.
މި ފޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިންނާއި ބެލެނިވެރިން ބުނިގޮތުގައި މި ފޮތުގައި ވާހަކަ ގެނެސްފައިވަނީ ވަރަށް ގަޔާވާ ކަހަލަ ގޮތަކަށްކަމަށާއި ކުދިންނަށް މިވާހަކައިން ވަރަށް ބައިވަރު ކޮންސެޕްޓު ފެނިގެންދިޔަކަމަށެވެ.
މި ފޮތް ނެރުމުގެ ގޮތުން ޤައުމީ ކުތުބުޚާނާގައި ވަނީ 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި، ކުޑަކުދިންގެ މެދުގައި ކިޔުމަށް ލޯބިޖެއްސުމާއި ކުލަތައް ދަސްކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ފޮތް ކިޔުމުގެ ވަގުތުކޮޅަކާއި، ކުލަޖެއްސުމާއި، ފެންކުލަޖެއްސުމުގެ އިތުރުން ފިންގަރ ޕްރިންޓް އާޓް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ.
މި ފޮތަކީ ދިވެހި އަދަބިއްޔާތަށާއި، ކުޑަކުދިންގެ މެދުގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަށާއި ކުލަތައް ދަސްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި ގައުމީ ކުތުބުޚާނާއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ