އެކަނިވެރިކަމުގެ ތެރެއިން އުއްމީދުގެ އަލިކަން

އެކަނިވެރިކަމަކީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ހިމޭން، ނަމަވެސް އެންމެ ބޮޑު ނަފްސާނީ އިހުސާސެވެ. ގިނަ ފަހަރަށް މި އިހުސާސް ފޮރުވިފައި އޮންނަނީ ހިނިތުންވުންތަކާއި، އާދައިގެ ވާހަކަތަކާއި، "އަހަރެން ރަނގަޅޭ" ބުނެލާ ބުނެލުމުގެ ފަހަތުގައެވެ. އެހެންނަމަވެސް، ގިނަ ބަޔަކަށް އެކަނިވެރިކަމަކީ ހަމައެކަނި މީހުންނާ ވަކިން އުޅުމެއް ނޫނެވެ. އެއީ އެމީހެއްގެ އިހުސާސްތައް ބަލައިގަންނާނެ ނުވަތަ އަޑުއަހާނެ މީހަކު ނެތްކަމުގެ އިހުސާސް ކުރެވުމެވެ. އަދި ހިތުގައިވާ ބުރަ އުފުލުމުގައި އެހީތެރިވާނެ މީހަކު ނެތްކަމުގެ އިހުސާސް ކުރެވުމެވެ.
ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ހިތުގެ ޝަކުވާތައް މީހަކަށް ކިޔައިދޭށެވެ. އެމީހުން ތަހައްމަލު ކުރަމުންދާ ރިހުންތަކާއި، ކުރިމަތިވި މާޔޫސްކަމާއި، ނިދި ނަގައިލާ ބިރުވެރިކަމުގެ ވާހަކަ ހިއްސާކުރާށެވެ. އެހެންނަމަވެސް، އެމީހުން ހިމޭނުން ތިބެނީ އެހެން މީހުންނަށް އެކަން ދޭހަ ނުވެދާނެތީ ނުވަތަ އެހެން މީހަކަށް އުނދަގުލަކަށް ވެދާނެތީއެވެ.
ބައެއް ފަހަރު، ގާތް ރަހުމަތްތެރިޔަކު "ހަގީގަތުގައިވެސް ކިހިނެއް ހެއްޔޭ؟" އަހާލާނެ ވަގުތަކަށް އިންތިޒާރު ކުރެވެއެވެ. ލޯބިވާ މީހުންގެ ފަރާތުން ހިތްހަމަޖެހުން ހޯދަން ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި އަމިއްލަ ކަންކަމުގައި އެންމެން ބުރަކޮށް އުޅޭތީ އެކަން ކާމިޔާބު ނުވެދެއެވެ. ގާތް މީހުންގެ ހިތުގައި ލޯތްބާއި އަޅާލުން އޮތް ނަމަވެސް، އެމީހުންގެ ގާތުގައި ހުރި މީހަކު ހިމޭންކަމާއެކު އެހީއަށް އެދި ރޮމުންދާކަން އަބަދަކު އެމީހުންނަށް އިހުސާސެއް ނުކުރެވޭނެއެވެ.
މީގެ ނަތީޖާއަކީ ބަސްތަކުން ބަޔާންކުރަން ދަތި، ހިތުގެ ފުންމިނުގައި އުފެދޭ ރިހުމެކެވެ. ނަމަވެސް، އިސްލާމްދީން އަޅުގަނޑުމެންނަށް ދެނީ ވަރުގަދަ އުއްމީދެކެވެ. އެއީ މުއުމިނަކު ދުވަހަކުވެސް ހަގީގީ މާނައިގައި އެކަނި ނުވާނެ ކަމުގެ ޔަގީންކަމެވެ.
އެހެން މީހުންނަށް އިހުސާސްތައް ބަޔާންކޮށްދޭނެ އެކަށީގެންވާ ބަސްތަކެއް ނުފެންނަ ހިނދު، އަބަދުވެސް ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޒްރަތަށް އެނބުރި ދެވިދާނެއެވެ. ހިތުގެ ފުންމިނުގައި ފޮރުވިފައިވާ ކޮންމެ ސިއްރަކާއި، އެހެން މީހުންނަށް ނުފެނި ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކާއި، ހިމޭންކަމާއެކު ކުރެވޭ ކޮންމެ ދުއާއެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ."އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއަޅުންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ހަޒްރަތަށް ދުއާކޮށްފިނަމަ، ދުއާކުރި މީހާގެ ދުއާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ." (ސޫރަތުލް ބަގަރާ: 186)
މި އާޔަތުން މުއުމިނުންނަށް ލިބިދޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކޮންމެ އިހުލާސްތެރި ދުއާއެއް އައްސަވައިވޮޑިގަތުމުގައި އަބަދުމެ ކައިރިވެވޮޑިގެންވާކަމުގެ ޔަގީންކަމެވެ. އެކަލާނގެ ހަޒްރަތަށް ދުޢާ ދެންނެވުމަށް ވަކި ވަގުތެއް ކަނޑައަޅައި އެޕޮއިންޓްމަންޓެއް ހަދާކަށް ނުޖެހެއެވެ. އަދި ކިއޫއެއްގައި މަޑުކުރާކަށްވެސް ނުޖެހެއެވެ. އަދި ތިމާގެ ދުއާ އިޖާބަ ނުވެދާނެކަމުގެ ބިރުވެރިކަމެއްވެސް ނެތެވެ. އަޅަމެންނަށް އަމިއްލަ ނަފްސު އެނގޭ ވަރަށްވުރެ ބޮޑަށް އަޅަމެން ދަންނަވޮޑިގެންވާ މަތިވެރި އިލާހު، ކޮންމެ ދުޢާއެއްމެ އައްސަވައިވޮޑިގަނެއެވެ.
އަޅަކާއި ހައްދަވާ ގެންގުޅުއްވާ އިލާހާއި ދެމެދު އޮންނަ އެންމެ ގާތް އަދި އެންމެ ހާއްސަ ވަގުތަކީ ސަޖިދައިގެ ވަގުތެވެ. އެއީ އެއްވެސް ޖެހިލުމެއްނެތި، ހިތުގެ އުދާސްތައް ބޭރުކޮށްލުމަށް ލިބޭ އެންމެ ފުރިހަމަ ފުރުސަތެވެ. ކަރުނަ އަޅައި، އިހުސާސްތައް ބަންޑުންކޮށްލައި، ހިތުގެ ހުރިހާ ބުރައެއް، ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ހަޒްރަތަށް ދޫކޮށްލެވޭ ވަގުތެވެ.
ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ."އަޅަކު އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކައިރިވާ ވަގުތަކީ އޭނާ ސަޖިދައިގައި އޮންނަ ވަގުތެވެ. ފަހެ، އެވަގުތުގައި ދުއާކުރުން ގިނަކުރާށެވެ." (ސަހީހު މުސްލިމް)
ހިތްދަތިކަމާއި ތަދުތައް ސިއްރުކޮށްގެން އުޅޭ މީހަކަށް، ސަޖިދައަކީ ހަމައެކަނި ނަމާދުގެ ރުކުނެއް ނޫނެވެ. އެއީ ނަފްސަށް ލިބޭ ޝިފާއެކެވެ. އުންމީދާއި ހިތްހަމަޖެހުމުގެ މަޞްދަރެކެވެ.
މީގެ އިތުރުން، ދަތި އުނދަގޫ ހާލަތްތަކަކީ ދާއިމީ ކަމެއް ނޫންކަން ކީރިތި ގުރުއާން އަޅުގަނޑުމެންނަށް ހަނދާންކޮށްދެއެވެ."ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (ސޫރަތުއްޝަރަޙް: 5-6)
މި އާޔަތްތަކުން ލިބޭ ޔަގީންކަމަކީ، ކޮންމެ ދަތިކަމަކަށްފަހު ނިމުމެއް އަންނާނެކަމާއި، ކަނޑައަޅުއްވާފައިވާ ވަގުތުގައި ލުއިފަސޭހަކަން ލިބޭނެ ކަމެވެ.
ތިމާ އެކަނިވެފައިވާކަމުގެ އިހުސާސް ކުރެވުމަކީ، ހައްދަވާ ގެންގުޅުއްވާ އިލާހު އަޅާ ދޫކޮށްލެއްވީ ކަމަށް ދެކިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އެއީ އެކަލާނގެއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ރަން ފުރުސަތެކެވެ.
ދުނިޔަވީ ކަންކަމުގެ މަޝްގޫލުކަން ފިލައިގޮސް، ހިތް ހަމަޖެހުމަށް އެދި ގޮވާލާ ހިނދު، ހަގީގީ އުފަލާއި ހަމަޖެހުން ވަނީ މީސްތަކުންގެ ސަމާލުކަމުގައެއް ނޫންކަން އިހުސާސްވެގެންދެއެވެ. އޭގެ ބަދަލުގައި، އެއީ ހައްދަވާ ގެންގުޅުއްވާ އިލާހު ހަނދުމަކުރުމުން ލިބޭ މަތިވެރި ނިއުމަތެކެވެ.
އެ ކަލާންގެ ވަހީކުރައްވާފައިވެއެވެ:
"ހަމަކަށަވަރުން، އައްލާހު ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބެއެވެ." (ސޫރަތުއް ރައުދު: 28)
ގިނަ ބަޔަކު އެކަނިވެރިކަމުގެ ހިތްދަތިކަން ހިމޭންކަމާއެކު ތަޙައްމަލުކުރަމުންދާ މި ދުނިޔޭގައި، މުސްލިމުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މީހުންނަށް ތިމާގެ ވޭން ނޭނގުނު ކަމުގައި ވިޔަސް، މާތް އައްލާހު އެކަން ދެނެވޮޑިގެންވާކަމެވެ. އެކަލާނގެއީ ސިއްރުން ކުރާ ކޮންމެ ދުޢާއެއް އައްސަވާވޮޑިގެންވާ، އޮހޭ ކޮންމެ ކަރުނަފޮދެއް ބައްލަވާވޮޑިގެންވާ، އަދި ދުލުން ބޭރުކޮށްލުމުގެ ކުރިން ކޮންމެ އިޙްސާސެއް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
މީސްތަކުންގެ ފަރާތުން އެދޭ އަޅާލުމާއި ހަމަޖެހުން ލިބުން ލަސްވެދާނެއެވެ. ނަމަވެސް، މާތް އައްލާހު ރަހުމަތްވަނީ އަބަދުވެސް އަޅުތަކުންނާ އެންމެ ގާތުގައެވެ. އިހުލާސްތެރި ނަމާދާއި، ހިތުގެ އަޑިން ކުރާ ދުއާތަކާއި، އަދި އެކަލާނގެ ހިކުމަތްވަންތަކަމަށް ކުރާ ފުރިހަމަ އިތުބާރުގެ ސަބަބުން، އެންމެ އެކަނިވެރި ހިތްތަކަށްވެސް އުންމީދާއި، ފަރުވާއާއި، ދާއިމީ ހަމަޖެހުން ލިބިގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ